މާލޭ ވިޔަފާރި ބަނދަރަށް ގެނެސްފައި ހުރި މުދާތަކެއް އޮޅުވާލައިގެން ކްލިއާ ކުރި މައްސަލައެއްގައި އެމްޕީއެލްގެ ތިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އެމްޕީއެލްގެ ސީއީއޯ ހުސެއިން ހިލްމީ މިއަދު ވިދާޅުވީ އެ ކުންފުނީގެ އޮޕަރޭޝަންގެ ތިން މުވައްޒަފަކު މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާއިން ވަކި ކުރީ އެތަކެތި އެތެރ ކުރި ކުންފުންޏާއި ގުޅިގެން ޑޮކިއުމަންޓްތަކަށް ބަދަލު ގެނެސް އޮޅުވައިލައިގެން އެތަކެތި ބަނދަރުން ބޭރުކުރުމުން ކަމަށެވެ.

ހިލްމީ ވިދާޅުވީ އެކަން ކޮށްފައިވަނީ ކުންފުނީގެ އެހެން ޑިޕާޓްމަންޓްތަކުގެ އެއްބާރުލުމާއެކު ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އެއް ކުންފުންޏެއްގެ ދަށުން ގެންނަ ދެ ކޮންޓެއިނަރުގެ ތެރެއިން ނެރެން އައި ކޮނެޓެއިނަރުގެ ތެރެއިން ދެން ހުރި މުދާ އަޅުގަނޑުމެންގެ މުވައްޒިފުންތަކަކާއި ވެރިފަރާތާއި ގުޅިގެން ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ ޑޮކިއުމަންޓްތަކަށް ބަދަލުގެނެސްގެން ބަނދަރުން ނެރުނީ. އެމީހުންގެ އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭތީ ވަކި ކުރީ،" ހިލްމީ ވިދާޅުވި އެވެ. " އަޅުގަނޑުމެންގެ ސިސްޓަމްއަށްވެސް ބަދަލު ގެނެސްފައި ހުރީ. އެހެން ޑިޕާޓްމަންޓްތަކާ ވެސް ގުޅިގެން ކޮށްފައި އޮތި އެބޭފުޅުން [ވަކި ކުރި މުވައްޒަފުން] އެކަނި ކަމެއް ނޫން މިއީ،"

ބޭރުކުރީ ކިހާ އަދަދެއްގެ މުދާ ކަމެއް ހިލްމީ ވިދާޅެއްނުވެ އެވެ. ނަމަވެސް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނީ އެ މައްސަލައާއި ގުޅިގެން ބަނދަރުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް އަދި ޑޮކިއުމަންޓްތަށް ތައްޔާރުކުރާ ފެންވަރު ވެސް މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ.

"ސްކްރީން ކުރުން އިތުރުކޮށް ގޭޓްތަކުގެ ސަލާމަތީ ފިޔަވަޅު ވަނީ އިތުރުކޮށްފައި. އަދި މެނުއަލްކޮށް ޑޮކިއުމަންޓްތަކަށް ބަދަލުގެނެސްފައި ހުރީމަ އެގޮތަށް ނުވާނެ ގޮތްތައް ވެސް ހުންނާނީ ހަމަޖައްސާފައި." ހިލްމީ ވިދާޅުވި އެވެ.