05 Aug 2020, 22:20
ރާއްޖެ އިން ފުރަން ތައްޔާރުވި ފަތުރުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބިދޭސީ މީހާ ޕޮޒިޓިވްވީ އިއްޔެ ކަމަށާއި، އޭނާ ޕޮޒިޓިވްވި ކަން އެނގުނީ ފުރުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ.
ޕޮޒިޓިވްވި ފަތުރުވެރިޔާ އަކީ އިނގިރޭސިވިލާތުގެ މީހެއް ކަމަށާއި އޭނާ ހުރީ އޮބްލޫ ސަންގެލި ރިސޯޓުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ފަތުރުވެރިޔާގެ އާއިލާ ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެ އައި އެމެރިކާގެެ ފަތުރުވެރިޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ފަތުރުވެރިޔާގެ ޓެސްޓު ހެދީ ރެންޑަމް ކޮށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖެ އެތެރެވުމަށް ކޮވިޑް ނެގެޓިވް ރިޕޯޓެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ބައެއް އެއާލައިންތަކުން ފަސިންޖަރުން ބޯޑު ކުރަނީ ކޮވިޑް ނެގެޓިވް ރިޕޯޓެއް ހުށަހެޅުމުންނެވެ.