09 Jan 2012, 13:21
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެގެ އެކި ސަރަހައްދުތަކުން ހަ ވައްކަމެއް ކޮށްފައިވާ އިރު މާފަންނުގެ ތިން ގެއަކަށް ބަޔަކު ވަދެ ފައިސާ އާއި ލެޕްޓޮޕަކާއި ތިން ފޯނުގެ އިތުރުން ބައެއް ސާމާނު ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭ އެކި ސަރަހައްދުތަކުން ހަ ވައްކަމެއް ކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ އިރު އޭގެތެރެއިން އެއް ގެއިން ލެޕްޓޮޕަކާއި ދެ ފޯނާއި ހާޑެއް ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. އަދި ރޭ ފަތިހު ވެސް މާފަންނު ގެއަކުން ފޯނަކާއި ވޮލެޓެއް ނަގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މީގެއިތުރުން މާފަންނު އީދު މިސްކިތް ކައިރީގައި ހުރި ގެއެއްގެ އެޕާޓްމަންޓެއްގެ މައި ދޮރު ހަލާކުކޮށްލައިގެން އެގޭތެރެއަށް ބަޔަކު ވަދެ، އެގޭ ކޮޓަރިއެއްގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ފައިސާތަކެއް ނަގާފައިވާ ކަމުގެ ރިޕޯޓެއް އިއްޔެ މެންދުރު ފަހު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ގެއެއްގެ ނަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.
"ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާތީ އެގެތަކުގެ ނަންތައް ހާމަކުރުމަކީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމުގައިވާތީ އަދި ނެތް އެ ނަންތައް ހާމަކުރެވޭކަށް،" އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި އީދު މިސްކިތް ކައިރީގައި ހުރި ގެއަކަށް ބަޔަކު ވަދެފައި ވަނީ އެގެއަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހުގަ އެވެ. އެ ގެ އިން ވަގަށް ގެންދިޔަ ބައެއް ތަކެތީގެ ތެރޭގައި ރީތިވާން ބޭނުންކުރާ ބައެއް ސާމާނު ވެސް ހިމެނެ އެވެ.
ވައްކަމުގެ މައްސަލަ މާލެ އާއި އަތޮޅުގެ ރަށްރަށުގައި ފަހަކަށް އައިސް ގިނަވާން ފަށާފައިވާ އިރު ޖަލު ހުކުމްތަންފީޒު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދެ ވަނަ ފުރުސަތުގެ ދަށުން ސަރުކާރުން ވަނީ މިދިޔަ އަހަރު މުޖުތަމައުއަށް ނެރެފަ އެވެ.