05 Aug 2020, 21:11
ޅ. ނައިފަރުގެ ގޮނޑުދޮށާއި ފަޅުތެރޭގައި އާދަޔާ ހިލާފު މިންްވަރަކަށް މައިކްރޯޕްލާސްޓިކް ހުރިކަން އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއްގެ މެރިން ސައިންޓިސްޓުންތަކެއް ހެދި ދިރާސާއަކުން ދައްކައިފި އެވެ.
މައިކްރޯޕްލާސްޓިކަކީ ޕްލާސްޓިކް ކުނީގެ ތެރޭގައި ހިމެނޭ ފަސް މިލިމީޓަރަށް ވުރެ ކުޑަ ކުންޏެވެ. މައިކްރޯޕްލާސްޓިކް އުފެދެނީ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތި އަހަރުތަކެއް ފަހުން ވީރާނާވެ ކުނޑިއަށް ވުމުންނެވެ. މިއީ ލޮލަށް ނުފެނުނަސް ފެން ތަގައްޔަރު ކުރާ އެއްޗެކެވެ. އަދި މިއީ ދިރޭތަކެއްޗަށް ސިއްހީ ގޮތުން ގެއްލުންދެނިވި އެއްޗެކެވެ.
އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ މެރިން ސައިންޓިސްޓުންތަކެއް ވަނީ ނައިފަރު ވަށައިގެން މައިކްރޯޕްލާސްޓިކް ހުރި މިންވަރު ބަލަން ދިރާސާއެއް ހަދައިފައެވެ. އެ ދިރާސާގައި ނައިފަރުގެ ގޮނޑުދޮށާއި ފަޅު ތެރޭގެ 22 ސަރަހައްދަކުން ވެލި ނަގައި އެ ވެލީގައި މައިކްރޯޕްލާސްޓިކް ހުރި މިންވަރު ރެކޯޑު ކުރިއެވެ. ދިރާސާގެ ނަތީޖާތައް ވަނީ "ސައިންސް އޮފް ޓޯޓަލް އެންވަޔަރަމެންޓް' ޖާނަލްގައިޝާއިއު ކޮށްފަ އެވެ.
ދިރާސާއިން ދެއްކި ގޮތުގައި 22 ސާމްޕަލްއިންވެސް ގިނަ އަދަދަކަށް މައިކްރޯޕްލާސްޓިކް ފެނިފައި ވެ އެވެ. އަދި ނައިފަރުން މައިކްރޯޕްލާސްޓިކް ފެނުނީ ދުނިޔޭގެ ނިސްބަތުންވެސް ގިނައިން ކަމަށް ވެ އެވެ.

-- ފޮޓޯ/ ދިރާސާގެ ހޯދުންތައް
ލީޑް ރިސާޗާ ޓޯބީ ޕެޓީފިސް.އޯގްއަށް ވިދާޅުވި ގޮތުގައި ނައިފަރުން ފެނުނު މައިކްރޯޕްލާސްޓިކްގެ އަދަދު އިންޑިއާގެ ޓެމިލް ނާޑޫގެ ބައެއް ސަރަހައްދުތަކަށްވުރެވެސް ގިނައެވެ. ޓެމިލް ނާޑޫއަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ، އަދި ޕްލާސްޓިކް ކުނީގެ މައްސަލަ ބޮޑު ސަރަހައްދެކެވެ.
ނައިފަރުން ފެނުނު ގިނަ މައިކްރޯޕްލާސްޓިކަކީ ފުޅާމިނުގައި އެންމެ 0.4 މައިކްރޯމީޓަރު ހުންނަ މައިކްރޯޕްލާސްޓިކް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައިކްރޯޕްލާސްޓިކަކީ ފަޅު ތެރޭގައި އުޅޭ މަސްތައް ފަދަ ކަނޑުގެ ދިރުންތަކުގެ ހަށިގަނޑަށް ވަންނާނެ ތަކެތިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރަށުގެ ރައްޔިތުން މަސް ކެއުމުން، މައިކްރޯޕްލާސްޓިކް އެ މީހުންގެ ހަށިގަނޑަށް އެތެރެވެ، އެ މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރިމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ދިރާސާ ހެދި ޓީމުގައި ހިމެނޭ ޕްރޮފެސާ ކެރަން ބާކް ޑަ ސިލްވާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރަށްރަށުގައި މައިކްރޯޕްލާސްޓިކް ގިނަވުމަކީ ރާއްޖޭގައި ވޭސްޓްމެނޭޖް ކުރާ ގޮތާ ގުޅިފައިވާ ކަމެކެވެ. ރާއްޖޭގައި ކުނި އުފައްދާ މިންވަރު ކުޑަކޮށްގެން އަދި ވޭސްޓްމެނޭޖްމަންޓު ނިޒާމު ހަރުދަނާކޮށްގެން ނޫނީ މައިކްރޯޕްލާސްޓިކް އުފެދޭ މިންވަރު ކުޑަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިސް.އޯގްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދިރާސާއަށް ފަހު އެ ސައިޓިސްޓުންގެ ޓީމުން މިހާރު ހަދަމުން ދަނީ ނައިފަރުގެ ފަރުގައި އުޅޭ މަސްތަކުގައި މައިކްރޯޕްލާސްޓިކް ހުރި މިންވަރު ހޯދުމުގެ ދިރާސާއެކެވެ.