06 Aug 2020, 08:53
ބޮލީވުޑަށް ގިނަ ތުހުމަތުތަކެއް ކޮށް ރިޕޯޓުކުރާ އިންޑިއާގެ ނޫސްވެރިޔާ އަރްނަބު ގޮސްވާމީއަށް ބިނާކޮށް ފިލްމެއް އުފައްދަން ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ނިންމައި، އިއުލާންކޮށްފިއެވެ.
ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ މި ފިލްމު އުފައްދަން ނިންމިކަން ހާމަކުރީ އޭނާގެ ޓްވިޓާ އެކައުންޓުގައިއެވެ. ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާއެކު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަމުން އަންނަ ނޫސްވެރިޔާ އަރްނަބް ގޮސްވާމީ އަންނަނީ ބޮލީވުޑްގެ ގިނަ ސިއްރުތައް ވެސް ފަޅާއަރުވަމުންނެވެ.
ޑައިރެކްޓަރު ރާމް ގޯޕާލް ބުނީ އަރްނަބަކީ އެކި އެކި ކޭސްތަކުގައި ވެސް ބޮލީވުޑަށް އެކިކަހަލަ ތުހުމަތުތައް ކޮށް ބޮލީވުޑް އަބަދުވެސް ދަށްކޮށްލައި ވާހަކަ ދައްކާ ނޫސްވެރިއެއް ކަމަށެވެ. އަދި އަރްނަބަކީ ބޮލީވުޑްގެ ތަސައްވުރު ހަޑިކުރަން މަސައްކަތްކުރާ ނޫސްވެރިއެއް ކަމަށްވެސް ރާމް ގޯޕާލްގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
މި ފިލްމުގެ ނަމަކީ "އަރްނަބް: ދަ ނިއުސް ޕްރޮސްޓިޓިއުޓް" އެވެ. ފިލްމު އިއުލާންކުރި ނަމަވެސް މި ފިލްމުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި އޭނާ އިއުލާންކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ނޫސްވެރިޔާ އަރްނަބަކީ ރިޕަބްލިކް ޓީވީގެ އެޑިޓާއިން ޗީފް އަދި އެ ޗެނެލްގެ ހޯސްޓެއް ވެސްމެއެވެ.