ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުމުގެ ގޮތުން ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދައިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑާއި ހަވާލުކޮށް، އެ ކުންފުނިން އެ މަސައްކަތް ކުރަމުންދަނިކޮށް މަސައްކަތް ހުއްޓާލުމަށް އޭސީސީން އެންގީ ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް) އިން ބުނެފި އެވެ.

ޓީސީއެލް އިން މިހެން ބުނީ ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑުން ކުރަމުން ދަނިކޮށް އެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އާންގާފައިވާތީ އެ ކޯޕަރޭޝަނުން އޭސީސީގެ މައްޗަށް ދައުވާކުރި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

މި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުން ބަޔާން ހުށަހެޅުމެވެ.

ޝަރީއަތުގެ މަޖިލީހުގައި ޓީސީއެލްގެ ވަކީލު މަޒުލާން ރަޝީދު ވިދާޅުވީ ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުމުގެ ގޮތުން ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑުން ކުރަމުންދަނިކޮށް އެ މަސައްކަތް ހުއްޓާލަން އޭސީސީން އަންގާފައިވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުކޮށް އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށެވެ.

ޓީސީއެލްގެ ވާހަކައަށް ރައްދު ދެއްވަމުން އޭސީސީގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ތިލަފުށީގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުމުގެ ގޮތުން ހެވީލޯޑުން ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުވުމަށް އޭސީސީން އަންގާފައިވަނީ އޭސީސީގެ ގާނޫނުގެ 25 ވަނަ މާއްދާއާ އެއްގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި އަންގަން ޖެހޭ އެންމެހާ އެންގުންތައް އެންގުމުގެ ބާރު އޭސީސީގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ފ) އިން އެކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަސައްކަތް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް 21 މިލިޔަން ޑޮލަރަށް، ހެވީ ލޯޑާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، އެ މަސައްކަތް އެ ކޮމިޝަނަށް ނުހުއްޓުވޭކަމަށް ވާނަމަ އެ މަސައްކަތް ހުއްޓުވޭނޭ އެހެން މުއައްސަސާއަކީ ކޮބައިތޯ ވެސް އާޒިމާ ސުވާލު ކުރެއްވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ސިވިލް ކޯޓުގެ ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވީ ކަމަށާއި ދެން އޮންނާނީ ނިޔާ ކަނޑައެޅުމުގެ މަޖިލީސް ކަމަށެވެ.

މިމައްސަލަ ކޯޓުގައި ކުރިއަށް ދާއިރު ތިލަފުށި ކޯޕަރޭޝަންގެ އިވެލުއޭޝަން ކޮމެޓީގެ ތިންމެމްބަރުން ކަމުގައިވާ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު ގ.ރަންގިރީގޭ މުޙައްމަދު ވާފިރު އާއި ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަ މއ. މާޒާގޭ އިބްރާހީމް ރިޔާޒު އާއި ޑިރެކްޓާ މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒް ފައިދާ ހޯއްދަވައިދެއްވި ކަމުގެ ދައުވާ ކޮށްދިނުމަށް ޕީޖީ އަށްވެސް އޭސީސީން ވަނީ ފޮނުވާފަ އެވެ.