06 Aug 2020, 09:03
ފިލްމު "ބާހުބަލީ" އިން ބޮޑު މަގްބޫލުކަމެއް ހޯދި އެކްޓަރު ރާނާ ދަގޫބަތީ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ވިޔަފާރިވެރިޔާ މިހިކާ ބަޖާޖްގެ ކައިވެނި ހޮނިހިރު ދުވަހު ކުރަން ނިންމައިފިއެވެ.
މިހިނގާ މަހުގެ އަށް ވަނަ ދުވަހު ރާނާ އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރާއިރު ކައިވެނި ހަފްލާގައި ބައިވެރިވާނީ ހަމައެކަނި ދެފަރާތުގެ އާއިލާއިންނެވެ. ރާނާގެ ބައްޕަ އަދި ޕްރޮޑިއުސަރު ދަގޫބަތީ ސުރޭޝް ބާބޫ ބޭރުގެ މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނި ހަފްލާގެ ބައިވެރިން 30 މީހުންނަށް ވުރެ ގިނަ ނުވާނެ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ކައިވެނި ހަފްލާގައި ބައިވެރިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ކުޑަކުރިއިރު މި ކައިވެނި ކުރާނީ މަރްވާޅީ އާއި ތެލެގޫ ސަގާފަތާ އެއްގޮތަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ރާނާގެ ބައްޕަ ބުނީ ކައިވެނި ހަފްލާއަށް އަންނަ މީހުން ކޮވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާނެކަމަށާއި ކައިވެނިކުރާ ހޯލްގެ އެކި ހިސާބުތަކުގައި ސެނިޓައިޒާޒްވެސް ބެހެއްޓޭނެ ކަމަށެވެ.