09 Jan 2012, 12:17
އާސެނަލް އަށް މުހިންމީ ޗެމްޕިއަންސް ލީގު ކަމަށައި މިސީޒަނުގައި ވެސް ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އަރައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އިސްކަމެއް ދޭނެ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ނުކުންނައިރު، ވެންގާ ވަނީ އެ މުބާރާތްތަކަށް މާބޮޑު އިސްކަމެއް ނުދޭނެކަމަށް ބުނެފަ އެވެ. އާސެނަލް އިން އެންމެ ބޮޑު އިސްކަމެއްދޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް އެކުލަބު ދަތުރު ކޮށްފައި ވާއިރު، ދެވަނަ ބުރުގައި އެޓީމު ކުޅެން ޖެހޭނީ އިޓަލީ ޗެމްޕިއަނުން ކަމަށްވާ އޭސީ މިލާނާ އެވެ.
"މިރޭ ކުޅޭ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް. ނަމަވެސް އަހަރެމެން ބޮޑު އިސްކަމެއްދޭނީ ވަރުގަދަ ކްލަބުތައް ވާދަކުރާ މުބާރާތްތަކަށް. އަހަރެމެން ޗެމްޕިއަންސް ލީގުގައި ކުޅެ، ގިނަ ކާމިޔާބީތަކެއް ވެސް ހޯދަން ބޭނުން. އެފްއޭ ކަޕަކީ މަޖާކޮށްލުމުގެ ރޫހުގައި ކުޅޭ މުބާރާތެއް." ވެންގާ ބުންޏެވެ.
މިރޭ 12:45 ގައި ލީޑްސް އާއި ދެކޮޅަށް އާސެނަލް ނުކުންނައިރު، އެންމެ ގިނަ ބައެއްގެ އިންތިޒާރީއަކީ އެކުލަބުގެ ކުރީގެ ތަރި ތިއަރީ އޮންރީގެ ކުޅުން ބަލައިލުމެވެ. އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް އިން ދެމަހުގެ ލޯނެއްގެ ދަށުން އޮންރީ އާސެނަލް އާއި ގުޅުނީ މިދިޔަ ހުކުރު ދުވަހު އެވެ.