އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މެންޗެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ. އަދި ޕޯޓްސްމަތް އާއި ބައްދަލުކޮށް ފަސޭހަކަމާއެކު މޮޅުވެ، ޗެލްސީ ވެސް ވަނީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މެންސިޓީގެ މައްޗަށް މެންޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑު ހޯދީ މެޗުގެ ދިހަ ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ފޯވާޑް ވޭން ރޫނީ އެވެ. އޭގެ ދެ މިނެޓް ފަހުން ވިންސެންޓް ކޮމްޕަނީ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން މެންސިޓީ ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޑެނީ ވެލްބެކް މެންޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން އިރު، ރޫނީ އަށް ލިބުނު ޕެނަލްޓީއެއް މެންސިޓީގެ ކީޕަރު ކޮސްޓެލް ޕަންޓިލިމޮން ދިފާއުކުރި ނަމަވެސް ރީބައުންސް އިން ރޫނީ މެންޔުނައިޓެޑުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން އެލްކްސެންޑާ ކޮލަރޯވް މެންސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މެންސިޓީގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ. މިމެޗު ނިމިގެންދިޔައީ 3-2 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ޕޯޓްސްމަތް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކުރުމަށްފަހު ޗެލްސީ އިން ވަނީ ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ލަނޑުން އެއްވަރު ވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ތިން މިނެޓް ފަހުން ޗެލްސީ އަށް ލީޑު ނަގައިދިނީ ސްޕެއިން ފޯވާޑް ހުއާން މަޓާ އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ރަމިރޭސް ޗެލްސީ އަށް ލީޑު ދެލަނޑަށް ފުޅާކޮށްދިންތާ ދެމިނެޓް ތެރޭ އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. ޗެލްސީ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތު ކޮޅުގައި ކާމިޔާބު ކޮށްދިނީ ފްރޭންކް ލަމްޕާޑް އެވެ. މިމެޗު ނިމިގެންދިޔައީ 4-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އިތުރު ދެމެޗެއް ކުޅެފައި ވެއެވެ. ޕީޓަސްބޮރޯ އަތުން 2-0 ލަނޑުން މޮޅުވެ ސަންޑަލޭންޑް ހަތަރު ވަނަ ބުރަށް ދިޔައިރު، ވެސްޓްހާމް އަތުން 1-0 ލަނޑުން މޮޅުވުމަށް ފަހު ޝެފީލްޑް ވެނިސްޑޭ ވެސް ހަތަރު ވަނަ ބުރުން ޖާގަ ހޯދާފައި ވެއެވެ.

އެފްއޭ ކަޕުގައި މިރޭ ފޯރިގަދަ މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ތިންވަނަ ބުރުގައި ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:45 ގައެވެ.