05 Aug 2020, 11:15
ކޮވިޑާ ގުޅިގެން ހިދުމަތް ދޭ ތަންތަނުން އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ 20 ތަނެއް އިއްޔެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފި އެވެ.
ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ.
އެއަށްފަހު މިންގަނޑަށް ނުފެތޭ ތަންތައް ވަގުތީގޮތުން ބަންދުކުރުމުގެ މަސައްކަތް ދަނީ އެޗްޕީއޭއިން ކުރަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުވެސް މިންގަނޑަށް ނުފެތޭ 33 ތަނެއް ވަނީ ބަންދުކޮށްފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އިއްޔެ ޖުމްލަ 146 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ 20 ތަނެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ އަށް ސެލޫން އާއި ހަތް ފިހާރަ އާއި ތިން ރެސްޓޯރެންޓް އަދި ދެ ޖިމެވެ.