ތިރީސް އެއް ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެޑްލައިން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީރެކްސްއާއި ވާދަކޮށް ރެޑްލައިނުން މެޗް ކާމިޔަބުކުރީ 71 ޕޮއިންޓް 63 ޕޮއިންޓުންނެވެ.

ރޭގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ރެޑްލައިން ކުލަބަށް 21 ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލެވެ.

ފައިނަލް މެޗަށްފަހު މުބާރާތުން އެކިއެކި ވަނަތައް ހާސިލްކުރި ކުޅުންތެރިންނަށާއި ޓީމްތަކަށް އިނާމާއި ހަދާނީ ލިޔުން ބައްސަވާދެއްވީ ޝަރަފްވެރި މެހެމާން، އެސްޓީއޯގެ ބޯޑް ޑިރެކްޓާ އަހުމަދު އާރިފެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޓީރެކްސްގެ އަހުމަދު އަހުސަން ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިންގެ މުހައްމަދު ޒިލާލެވެ.

ރޭ ނިމިގެން ދިޔަ ގައުމީ މުބާރާތުގެ ގަދަ ތިން ޓީމާއި ބޭރުގެ ދެ ޓީމާ އެކު މި މަހުގެ 15 ވަނަ ދުވަހު އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން ގައުމީ މުބާރާތުގެ ގަދަ ތިން ޓީމަކީ ޤައުމީ މުބާރާތުން ޗެމްޕިއަން ކަން ހޯދި ރެޑްލައިނާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.