މިނިއާޕޮލިސް (އޮގަސްޓް 5): އެމެރިކާގެ މިނިސޯޓާގައި މިދިޔަ މެއި މަހު ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު އެހާދިސާ ހިނގި ގޮތް ދައްކުވައިދޭ ފުލުހުންގެ ބޮޑީ ކެމެރާ ފުޓެޖް ލީކުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއިން ރިޕޯޓު ކުރި ގޮތުގައި އެ ނޫހަށް ލިބިފައި ވަނީ ފްލޯއިޑް ހައްޔަރު ކުރަން ފުރަތަމަ ދިޔަ ފުލުހުން ކަމަށްވާ ތޯމަސް ލޭން އާއި ކޭ އެލެގްޒެންޑާ ކެންގްގެ ޔުނިފޯމުގައި ހަރުކޮށްފައިވާ ކެމެރާގެ ރެކޯޑިންތަކެވެ. ނަމަވެސް އެ ވީޑިއޯތައް ލިބުނު ގޮތެއް އެ ނޫހުން ހާމައެއް ނުކުރެ އެވެ.

އެ ވީޑިއޯއިން، ފްލޯއިޑް ސައްހަ ނޫން 20 ޑޮލަރު ގެންގުޅުނު ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެން ލޭން އާއި ކެންގް، ފްލޯއިޑް ހައްޔަރު ކުރަން އޭނާގެ ކާރު ކައިރިއަށް ދާ މަންޒަރު ފެނެ އެވެ. އަދި ފްލޯއިޑް އޭނާގެ ކާރުގެ ދޮރު ހުޅުވުމާ އެކު ލޭން އޭނާ އަށް ދިމާލަށް ބަޑި ދިއްކުރެ އެވެ. އެވަގުތު ފްލޯއިޑް ބިރު ގަނެފައި ހުރި މިންވަރާއި ރޮމުން މާފަށް އެދޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި އޭނާގެ ގަޔަށް މީގެ ކުރިން ބަޑި ޖަހާފައިވާ ކަމަށާއި ދެން އޭނާގެ ގަޔަށް ބަޑި ނުޖެހުމަށް ފްލޯއިޑް އެދެ އެވެ.

މީގެ އިތުރުން ފްލޯއިޑްގެ މަންމަ މަރުވީ ދާދި ފަހުން ކަމަށް ވެސް އޭނާ ބުނެ އެވެ. އެގަޑީގައި ލޭން ދިޔައީ ފްލޯއިޑްގެ ގާތުގައި ކާރުން ފޭބުމަށާއި އަތް މައްޗަށް ނެގުމަށް އަންގަމުންނެވެ.

ފްލޯއިޑްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ޓައޮ ތާއޯ (ކ)، ތޯމަސް ލޭން، ކޭ އެލެގްޒެންޑާ ކެންގް، ޑެރެކް ޝޮވިން (ވ) --

ޑެއިލީމެއިލްއިން އާއްމުކޮށްފައިވާ ވީޑިއޯގެ ބައިތަކުން، ފްލޯއިޑްއާ އެކު އޭނާގެ ކާރުގައި ތިބި ދެ މީހަކާ ލޭން ސުވާލު ކުރާ މަންޒަރު ފެނެ އެވެ. އަދި ފްލޯއިޑް އަކީ ފުލުހުން ދެކެ ބިރު ގަންނަ މީހެއް ކަމަށާއި އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ދޭހަވާ ގޮތަށް އޭގެ ތެރެއިން އެކަކު ވާހަކަ ދެއްކި އެވެ.

އޭގެ ފަހުން ފުލުހުންގެ ކާރަށް ފްލޯއިޑް އަރުވަން މަސައްކަތް ކުރުމުން އޭނާ ހާސްވާ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދަން ފަށަ އެވެ. އަދި އޭނާއަށް ދާދި ފަހުން ކޮވިޑް-19 ޖެހުނު ކަމަށާއި އޭނާ މަރުވެދާނެ ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް ލޭން އާއި ކެންގް، އެ ކާރު ދޮރުގެ ބިއްލޫރި ތިރިކޮށްދޭނެ ކަމަށް ބުނެ ފްލޯއިޑް ކާރަށް އަރުވަ އެވެ. އެއަށް ފަހު ދެން ވީގޮތެއް ނޭނގި ފްލޯއިޑް ކާރު ކައިރިއަށް ބިމަށް ވެއްޓިފައި އޮންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ޑެއިލީމެއިލްގައިވާ ގޮތުން ފްލޯއިޑް ހައްޔަރު ކުރުމުގައި ލޭން އާއި ކެންގްއަށް އެހީވާން ފުލުސް އޮފިސަރު ޓައޮ ތާއޯ އާއި ޑެރެކް ޝޮވިން ދިޔައީ އެހާ ހިސާބުންނެވެ. އަދި ފްލޯއިޑް ވެއްޓުމުން ޝޮވިން އޭނާގެ ކަރުގައި ފައި ވިއްދައިގެން ހުންނަ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށް އެނޫހުގައިވެ އެވެ.

އެގަޑީގައި ފްލޯއިޑް ނޭވާ ނުލެވޭ ކަމަށް ބުނަމުން ދިޔުމުން، އޭނާ ނަގާ، އަރިއަކަށް ބާއްވަންވީތޯ ޝޮވިން ކައިރިން ލޭން އަހާ އަޑު ކެމެރާތަކަށް ވަނީ ރެކޯޑު ކުރެވިފަ އެވެ. އަދި އެކަމަށް ޝޮވިން ދެކޮޅު ހަދާ އަޑު ވެސް ރެކޯޑިން އިން އިވިގެންދެ އެވެ.

އޭގެ ފަހުން ފްލޯއިޑަށް ފަރުވާ ދޭން އެމްބިއުލާންސެއް ދިޔަ ނަމަވެސް އޭރު އޭނާ އޮތީ މަރުވެފަ އެވެ.

އެ މައްސަލާގައި ޝޮވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށް، ބާކީ ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މެރުމަށް އެހީވުމުގެ ދައުވާކޮށްފަ އެވެ. އަދި ޝޮވިން ނޫން ދެން ތިބި ތިން ފުލުހުން މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ކަޅު ނަސްލުގެ މީހެއް ކަމަށްވާ ފްލޯއިޑް، ދޮން ނަސްލުގެ ފުލުހަކު އަމަލު ކުރި ގޮތުގެ ސަބަބުން މަރުވުމާ ގުޅިގެން އެމެރިކާގައި ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވާފައިވެ އެވެ.