މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ވީބީން ކުރިމަތިލާނީ ޓީމާއަލަށް ގުޅުނު ކުޅުންތެރިންގެ ތަޖުރިބާގެ އަލީގައި ކަމަށް ކޯޗު ޖޭން ވަންލީ ބުނެފި އެވެ.

ކޯޗް ވަންލީގެ އިރުޝާދުގެ ދަށުން ވީބީ މިދިޔަ ސީޒަން ނިންމާލީ އަހަރުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައެވެ. އެގޮތުން ވީބީން ވަނީ މިދިޔަ ސީޒަންގެ ދިވެހި ލީގާއި އެފްއޭކަޕްގެ ތަށި ހިތްލާލައިފަ އެވެ.

މިއަހަރުގެ ސީޒަން ފެށެންވާ އިރަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުލަބްތަކުން ފަށާފައި ވާއިރު، ވީބީ އިން ވެސް ވަނީ ތަޖުރިބާ ކާރު މޮޅު ކުޅުންތެރިން ހޯދާ ޓީމްގެ ފަރިތަކުރުންތައް އިއްޔެ ފަށައިފަ އެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވީބީގެ ފުރަތަމަ ފަރިތަކުރުންތައް އިއްޔެ ފަށާފައި ވާއިރު، ކޯޗް ވަންލީ މިއަދު ބުނީ، އޭނާގެ ޓީމާމެދު ހިތް ހަމަޖެހޭ ކަމަށާއި ސީޒަނާ ކުރިމަތި ލާނީ ޓީމާއަލަށް ގުޅުނު ކުޅުންތެރިންގެ ތަޖުރިބާގެ އަލީގައި ކަމަށެވެ.

"ޓީމްގެ ފަރިތަކުރުންތައް ވަނީ ފެށިފަ. މިއަހަރުގެ ސީޒަނަކީވެސް ކާމިޔާބު ސީޒަނަކަށް ވާނެ. ހުސްވި ސީޒަންގެ ކާމިޔާބީތައް މިފަހަރުވެސް ތަކުރާރު ކުރަން ބޭނުން" ވަންލީ ބުންޏެވެ.

އޭނާ ބުނީ، މިއަހަރު ވީބީއާ އަލަށް ގުޅުނު ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިންތަކެއް ކަމަށާއި އެ ކުޅުންތެރިންގެ ބޭނުން ސީޒަންގައި ހިފާނީ ފަރިތަކުރުންތަކުގައި އެކުޅުން ތެރިންދައްކާ ކުޅުމަށް ބަލާފައި ކަމަށެވެ. އެހެންނަމަވެސް އަލަށް ގުޅުނު ބައެއް ކުޅުންތެރިންނަކީ މިހާރުވެސް ޓީމްގެ ފުލް އެގާރައިން ޖާގަ ހޯދައިފައިވާ ކުޅުންތެރިން ތަކެއް ކަމަށް ވަންލީ ބުންޏެވެ.

"ދާއިމީކޮށް ޓީމްގެ ފަރިތަކުންތައް ފަށާނީ މާދަމާ. އަހަރެން މިހިރީ ވަރަށް ހިތް ހަމަޖެހިފަ. ޓީމާ އަލަށް ގުޅުނު ގިނަ ކުޅުންތެރިން ނަކީ ތަޖުރިބާކާރު ކުޅުންތެރިން. އަހަރެން އެކުޅުންތެރިންގެ ބޭނުން ހިފާނަން. އެވެސް ކުޅުންތެރިޔަކު ދެ ރައެއް ނުވާނެ." ވަންލީ ބުންޏެވެ.

އަންނަ ސީޒަނަށް ވީބީން އެކުލަވާލި ސްކޮޑް، މިމަހުގެ 14 ވަނަ ދުވަހު އެކުލަބުން އިއުލާން ކުރަން ނިންމާފައި ވާއިރު، ކޯޗް ވަނީ ބުނީ އަލަށް ގުޅުނު ކުޅުންތރިންގެ ތެރެއިން މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މިޑްފީލްޑަރު އިބްރާހިމް ޝިޔާމް (ކުޑަތޮއްޑޫ) އާއި ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އަދި ޒުވާން ފޯވަޑް އަލީ ނާފިއު (ކަޅޭ) އަކީ މިފަހަރުގެ ސީޒަންގައި ވީބީން ވިދާލާނެ ކުޅުންތެރިން ތަކެއް ކަމަށެވެ. އަދި މިދިޔަ ސީޒަންގައި ވިކްޓަރީއަށް ކުޅުމަށްފަހު ސީޒަންގެ މެދުތެރެއިން ނިއުއަށް ގުޅުނު ޑިފެންޑަރު ސޮބާހު މުހައްމަދު މިއަހަރުގެ ސީޒަންގައި ވީބީއަށް ކުޅުމަށް ބަދަލުވުމުން އޭނާއަށް މަރުހަބާ ކިޔާ ކަމަށް ވެސް ވަންލީ ވަނީ ބުނެފައެވެ.

"ޖަމްބޭ އާއި ދޮނާ އަދި ސޮބާހާއި ކަޅޭ އަކީ އަހަރެންނަށް ވަރަށް ކަމުދާ ކުޅުންތެރިންތަކެއް. އަހެރެންނަށް އެ ކުޅުންތެރިންގެ ފެންވަރު އިނގޭ" ވަންލީ ބުންޏެވެ.

އައިލެންޑް ފުޓްބޯލް ކްލަބު (އައިއެފްސީ)ގެ ނަން ބަދަލުކޮށްގެން 2007 ވަނަ އަހަރު ފުޓްބޯޅަ އަށް ނުކުތް ވީބީގެ މިއަހަރުގެ އަހަރީ ޖަލްސާ މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމްގެ މެނޭޖަރު އިބްރާހިމް (ސަތޯ) ބުނެފައި ވަނީ ކުރީ އަހަރު ތަކުގެ ސީޒަނަށް ވުރެ މިފަހަރުގެ ސީޒަން ކާމިޔާބު ކުރުމަށް ވީބީން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.