ޓެންޒޭނިއާގެ އާދައިގެ މައިނަރަކަށް އަނެއްކާ ވެސް އަގު ބޮޑު ޖަވާހިރެއް ފެނި އެއް ރެއިން މިލިއަނަރަކަށް ވެއްޖެ އެވެ.

މައިނަރުންނަކީ ބިމުގައި ހުންނަ އަގުބޮޑޮތި ޖަވާހިރުތަކާއި އެކި ކަހަލަ މިނަރެލްސް ފަދަ ބާވަތްތައް ހޯދުމުގައި އުޅޭ ބައެކެވެ. ނަމަވެސް މި ޒަމާނުގައި މައިނިންގެ ބޮޑެތި މަސައްކަތްތައް ކުރަނީ ބޮޑެތި ކުންފުނިތަކުންނެވެ. ނަމަވެސް އެކަމުގައި އާދައިގެ ރައްޔިތުން ވެސް ކޮންމެވެސް ވަރަކަށް އުޅެ އެވެ.

ޓެންޒޭނިއާގެ މައިނަރު ސަނީނޫ ލައިޒާ މީގެ ކުރިން ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ "ސްޓޯން" އެއް ހޯދައިފަ އެވެ. އެ ދޭތި ވިއްކާލުމުން މިދިޔަ ޖޫން މަހު އޭނާ ވަނީ މިލިއަނަރަކަށް ވެފަ އެވެ. އެ ދެ "ސްޓޯން ވިއްކާލީ 3.4 މިލިއަން އެމެރިކާ ޑޮލަރަށެެވެ.

3.4 މިލިއަން ޑޮލަރަށް ވިއްކާލި ދެ ޖަވާހިރާ އެކު ލައިޒާ

އޭނާއަށް ދެންވެސް ފެނުނީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ "ޖެމްސްޓޯން" އެކެވެ. އެއެތި ވިއްކާލީ ދެ މިލިއަން ޑޮލަރަށެވެ. އެ ޖެމްސްޓޯންގައި ފެއްސާއި ރަތާއި ދަނބުކުލައާއި އަދި ނޫ ކުލައިގެ "ޝޭޑް"ތައް ހިމެެނެ އެވެ.

ސަނީނޫ ބުނީ އެ މައުދަންތައް ވިއްކާލައިގެން ލިބުނު ފައިސާއިން ސްކޫލަކާއި ހެލްތު ފެސިލިޓީތައް ގާއިމްކުރާނެ ކަމަށެވެ. އަދި އަލަށް ލިބުނު މުއްސަނދިކަމާ އެކު ވެސް ކުރިން އުޅުނު އާދައިގެ ދިރިއުޅުން ދޫކޮށް ނުލާނެކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް އޭނާ ގެންގުޅޭ 2000 ގެރި ގެންގުޅޭނެ ކަމަށް ބުންޏެވެ.-- ބީބީސީ