މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުތަކުން ނަގާ ފީ ބޮޑުކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އަތޮޅުތަކުން މާލެ އަންނަ ބޯޓު ފަހަރަށް އާންމުކޮށް މުދާ އަރުވާ ބާލާ އުތުރުފަރާތު ބަނދަރަށް އަންނަ އުޅަނުދުތަކުން ނަގާ ފީތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެންނަނީ ކީ ވޯލް ފީ އާއި ވެހިކަލް ވަނުމުގެ ސްޓިކާ އަށާއި ފެން ވިއްކާ އަގަށާއި ސްޓޯރޭޖް ފީ އަދި ވެހިކަލް ކުއްޔަށް ދޫކުރުމަށެވެ.

އެމްޕީއެލްއިން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން މާލޭ ވިޔަފާރި ބަދަރުން ނަގާ ބައެއް ފީތައް ވެސް 15 ޕަސެންޓަށް ބޮޑުކުރުމަށެވެ. އެ ފީތައް ބޮޑުކުރަން ނިންމީ މިހާރު ނަގާ ފިއުލް ސާޗާޖް ކަނޑާލުމަށްފަހު އެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ޓެރިފް ލިސްޓެއްގައި ބުނެފައި ވަނީ އަންނަ ފެބުރުއަރީ މަހުން ފެށިގެން އުތުރު ހާބަރުން ކީވޯލް ފީ ނަގާނީ އުޅަނދެއް ގާތްކުރާ ވަގުތުން ފެށިގެން ބަނދަރުގައި މަޑުކުރާ ވަގުތަށް ކަމަށެވެ. މީގެ ކުރިން ފީ ނެގީ ޕާފޯމަންސް ބޭސްޑް އުސޫލުގެ ދަށުން އެއް ހަމައަކުންނެވެ.

އެމްޕީއެލްގެ ސީއީއޯ ހުސެން ހިލްމީ މިއަދު ވިދާޅުވީ ބަނދަރުގެ ބައެއް ފީތައް ބޮޑުކުރަން ނިންމީ ތަކެތީގެ އަގު ބޮޑުވުމާއި އެކު ދެމެހެއްޓެނިވި ގޮތެއްގައި ބަނދަރުގެ ހިދުމަތްތައް ދެވޭނީ ފީ ބޮޑުކޮށްގެން ކަމަށްވާތީ ކަމަށެވެ.

"ތަކެތީގެ އަގުތަކަށް ބަދަލުތަކެއް އައިމަ އަޅުގަނޑުމެން ވެސް އެބަ ބޮޑުކުރަން ޖެހޭ ނަގާ ފީ. އެއީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މި ހިދުމަތްތައް ދެވޭނީ އެގޮތަށް. މި ބަދަލުތަކުގެ ސަބަބުން ހިދުމަތްތައް ވެސް އަވަސް ވެގެންދާނެ،" ހިލްމީ ވިދާޅުވި އެވެ.

އެމްޕީއެލް އިން ނިންމާފައިވާ ގޮތުން ޒޯން އޭ ގައި ތިން ދުވަހަށް ވުރެ ކުރު މުއްދަތަށް ބަނދަރުގައި ބޯޓު މަޑުކުރާނަމަ ނަގާނީ މީޓަރަކަށް ގަޑިއަކަށް 52ލ. އެވެ. އަދި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ނަގާނީ މީޓަރަކަށް ގަޑިއަކު 1.04ރ. އެވެ.

ތިން ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޒޯން ބީއިން ނަގާނީ މީޓަރަކަށް ގަޑިއަކު 1.04ރ. އެވެ. ތިން ދުވަހަށް ވުރެ އިތުރުވާނަމަ ނަގާނީ ގަޑިއިރަކަށް 2.08ރ. އެވެ. ޒޯން ސީ އިން ތިން ދުވަހަށް ވުރެ ކުރު މުއްދަތަކަށް މަޑުކުރާނަމަ ނަގާނީ މީޓަރަކަށް 1.04ރ. އެވެ. އަދި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ގަޑިއަކު މީޓަރަކަށް 2.08ރ. އެވެ.

ބަނދަރަށް ވެހިކަލް ވަންނަ ފީއަށް ގެނައި ބަދަލުތަކަށް ބަލާއިރު ކާރެއް ވަންނަން ފެބުރުއަރީން ފެށިގެން ނަގާނީ ދުވާލަކަށް 5.19ރ. އެވެ. އަދި ޕިކަޕާއި ވޭން ފަދަ ވެހިކަލްތަށް ވަންދަން ނަގާނީ ދުވާލަކަށް 10.38ރ. އެވެ.

އެމްޕީއެލް އިން ފެން ވިއްކާ އަގު ބަދަލުކޮށް ޓަނެއް 127.36ރ. ހަމަޖައްސާފައިވާއިރު ހަތަރު ޓަނުގެ ފޯކް ލިފްޓް ވައްދާ އަގުވެސް ވަނީ ގަޑިއަކަށް 707.55ރ. އަށް ޖައްސާފަ އެވެ.