ހައިކޯޓުގައި މާދަމާއަށް ތާވަލު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ، ޓޫރިޒަމްއަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އިއްވި އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ދެއެވެ.

މިއަދު ހައިކޯޓުން ބުނީ މާދަމާ އެ ކޯޓުގައި ބޭއްވުމަށް ތާވަލު ކުރި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން ކަމަށް އެ ކޯޓުން ބުންޏެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. އެ އަޑުއެހުން ބޭއްވީ ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން އެމަނިކުފާނުގެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމާނާ ކުރުމަށެވެ. އެ ޖޫރިމާނާ އަދިވެސް ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަން އޭޖީ އޮފީހުން ވަނީ ނިންމައިފައެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ކުރިއަށްދާއިރު، މިހާރު ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއްވެސް އުފުލާފައެވެ.