ދިވެހި ރާއްޖެ އަޑިއަށް ދިއުމުގެ ވާހަކައަކީ ފަހަކަށް އައިސް "މޫސުމަށް އަންނަ ބަދަލުތަކާ މެދު ވާހަކަ ދެއްކުމަށް ބާއްވާ ކޮންމެ ޖަލްސާއެއްގައި" ދައްކައި އުޅޭ ވާހަކަ އެކެވެ. ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އަޑިއަށް ދިއުމުން ދިވެހިން ހިޖުރަކުރާނެ ތަނަކާ މެދު ދުނިޔޭގެ މީޑިޔާގައި ދޭތެރެދޭތެރެ އިން ބަހުސް ކުރެ އެވެ.

ދިވެހި ރާއްޖެ ކަނޑުގެ އަޑިއަށް ގޮސް ގެއްލުމުން ދިވެހިން ދާނެ ގައުމަކީ އޮސްޓްރޭލިއާ ކަމަށާއި އޮސްޓްރޭލިއާ އިން އެކަމަށް ތައްޔާރުވުމަށް ގޮވާލައްވާ ކަމަށް އޮސްޓްރޭލިއާގެ މަޝްހޫރު ނޫސް "ދަ އޭޖް" އިން ހޮނިހިރު ދުވަހު ބުންޏެވެ.
"އޮސްޓްރޭލިއާ ރައްޔިތުން ވެސް އަދި މުއްސަނދި އެހެން ގައުމުތަކުން ވެސް ދެނެގަންނަން ޖެހޭ ކަމަކީ މިއީ ކުރިން ހިނގާފައި ނުވާ ބާވަތުގެ ކަމެއްކަން" ރައީސް ނަޝީދު ވިދާޅުވި ކަމަށް ދަ އޭޖްގައިވެ އެވެ.

އެ ނޫހުގައި ވާގޮތުން ކުރިއަށް އޮތް ގަރުނެއްހާ ދުވަހުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު 53 ސެންޓިމީޓަރަށް އުފުލުމުން ދިވެހި ރާއްޖެ އާއި ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތައް ކަމަށްވާ ކިރިބަތީ އާއި ތުވާލޫ ފަދަ ގައުމުތައް އަޑިއަށް ދާނެ ކަމަށް "ދަ އިންޓަގަވަންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" އިން ލަފާކުރެ އެވެ.

ދައޭޖްގައި އަދި ބުނެފައި ވަނީ ރާއްޖެ އަޑިއަށް ހިނގައްޖެ ހާލަތެއްގައި ރާއްޖޭގެ 350،000 މީހުން އެއްފަހަރާ އެހެން ގައުމަކަށް ގެންދިއުމަށް ބޭނުންވާ ފަންޑު ދިވެހިސަރުކާރުން މިހާރު ވެސް ވަނީ ގާއިމްކޮށްފައި ކަމަށެވެ.

ސަގާފީ ގޮތުން ދިވެހިންނާ އޮންނަ ގުޅުމާއި ކައިރި ކަމަށް ބަލާފައި ސްރީލަންކާ އާއި އިންޑިޔާ އަކީ ވެސް ރަނގަޅު ދެ ގައުމު ކަމަށާއި ނަމަވެސް ޖާގަ އާއި މޫސުމަށް ބަލާފައި އޮސްޓްރޭލިއާއަކީ ދިވެހިން ހިޖުރަކުރަން އެންމެ ރަނގަޅު ގައުމު ކަމަށް ރައީސް ނަޝީދަށް ފާހަގަކުރެއްވިފައިވާ ގައުމުތައް ކަމަށް ވެސް އެނޫހުގައި ވެ އެވެ. އެހެން ނަމަވެސް އެ ގައުމުތަކުގެ ސަރުކާރުތަކާ އަދި ރަސްމީކޮށް އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް ވެސް އެމަނިކުފާނާ ހަވާލާދީ ނޫހުގައި ލިޔެފައިވެ އެވެ.

"އެ ގައުމުތަކުގެ ސަރުކާރުތަކާ އަހަރެމެން ރަސްމީކޮށް އަދި ވާހަކަ ނުދެއްކި ކަމުގައި ވިޔަސް އެއީ އެ ގައުމުތަކަކާ މެދު ވާހަކަ ދެކެވޭ ގައުމުތައް، "ރައީސް ނަޝީދު ވިދާޅުވި ކަމަށް ދަ އޭޖްގައިވެ އެވެ.

ދައޭޖްގައި ވާގޮތުގައި ރަށް ގިރުމާ ގުޅިގެން ރާއްޖޭގެ 14 ރަށަކުން މިހާރު ވެސް ވަނީ މީހުން ފައިބައިފަ އެވެ.

ކާބަން ޓެކްސް ނަގަން އޮސްޓްރޭލިއާ އިން ނިންމާފައިވާ ނިންމުމަކީ ހިއްވަރު ގަދަ ނިންމުމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވާ ކަމަށް ވެސް ނޫހުގައިވެ އެވެ.