09 Jan 2012, 10:46
ދ. ކުޑަހުވަދޫން: ހުސައިން ހަސަން
ވަޅި ހަރައި ޒަހަމްކޮށް، ރޭ މަރާލީ މިރަށު ސަމަންދަރު، އަލީ ހަސަން (އައްޔުބޭ) 76، ގެ މަރުގެ ފޮރެންސިކް ތަހުގީގުތައް ނިންމުމަށް ފަހު އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމުން މިއަދު ހެނދުނު ޖަނާޒާ ބާއްވައި ވަޅުލައިފި އެވެ.
ފުލުހުން އައްޔުބޭގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ރޭ ފަތިހު އެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ފަހު ވަޅުލީ 9:40 އެހާކަންހާއިރު އެވެ.
ހެނދުނު އައްޔުބޭގެ ހަށިގަނޑު މިރަށު ގަބުރުސްތާނަށް ގެންދިއުމާ އެކު ރަށުގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެ، ނުވަ ދަރިންގެ ބައްޕަ، އަށް އިހުތިރާމްކޮށް އާއިލާގެ އާއިލާގެ މެންބަރުންނަށް ތައުޒިޔާ ކިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޔުބޭ ވަޅުލި ނަމަވެސް ފުލުހުންގެ ތަހުގީގުގެ ހާއްސަ ޓީމުން މި ރަށުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ރޭ ދަންވަރު 12:30ގައި މިރަށަށް އެރި ފުލުހުންގެ ތަހުގީގު ޓީމުން މަރުގެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. މިރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ އައްޔުބޭގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެ މަރާ ގުޅިގެން "ރަށު ތެރޭގައި އެކި ގޮތްގޮތަށް" ވާހަކަ ދެކެވެމުންދާ ކަމަށެވެ.
މަރާލައި މިރަށު ޕްރީ ސްކޫލްގެ ހުޅަނގު ގޯޅީގައި އޮންނަ ފަޅު ގޯއްޗެއްގެ ތެރެއަށް އައްޔުބޭ އެއްލާލާފައި އޮއްވާ ފެނުނީ ރޭ އިރާކޮޅި 7:57 އެހާކަންހާއިރު އެވެ. އޭނާ ފެނުނީ އާންމުންގެ ބަޔަކަށެވެ.
ސަން އޮންލައިންގެ ނޫސްވެރިން މިއަދު މިރަށަށް އާއިރު ވެސް އައްޔުބެއަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން އޮހޮރިފައިވާ ލޭގެ ރޮނގުތައް ހުރި ގޮތަށް ހުއްޓެވެ. މިރަށުގެ ބައެއް މީހުން ބުނާ ގޮތުން އޭނާއަށް ހަމަލާ ދީފައި ވަނީ މަގުމަތިންނެވެ. ފަޅު ގޯއްޗަށް އެއްލާލާފައި ވަނީ ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު ބިންމަތީ ދަމާފައި ގެންގޮހެވެ.
ސުނާމީގައި ސުންނާފަތިވި ގެމެންދޫން ކުޑަހުވަދޫއަށް ބަދަލުވި ގެމެންދޫ ކުރީގެ ކުޑަކަތީބު، އައްޔުބެއަކީ ގެމެންދޫގައި ދިރިއުޅުނު އިރު ވެސް އަދި މިހާރު ވެސް ސިހުރާއި ފަނޑިތައް ހަދައިގެން ކަންތައްތަކެއް ހިންގާ ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތުކުރާ މީހެކެވެ.