03 Aug 2020, 23:01
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 4،000 އެއްހާ މީހުން އެބަތިބި ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
މިރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ގިނަ އަދަދެއްގެ މީހުން އެބަތިބި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ފަރާތްތަކުންގެ އަމިއްލަ ޒިންމާ އޮންނަ ކަމަށެވެ. އަދި އެ ފަރާތްތަކުން ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަކީ އެފަރާތާއި އެފަރާތުގެ ގާތް ފަރާތްތަކުންގެ ރައްކާތެރިކަމަށްވެސް މުހިއްމު ކަމެއް ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
"ކޮންމެ މީހަކު އެމީހެއްގެ ގޭގެ، ކޮޓަރީގައި ތިބިތޯ ބެލުމަކީ އަދި އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމެއް ނޫން. އަދި ހާއްސަކޮށް މިހާ ބައިވަރު ފަރާތްތަކުން ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭއިރު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ ފަރާތްތަކުންގެ ތެރެއިން ގަވާއިދާ ހިލާފަށް ކަރަންޓީނުން ބޭރުވެ އުޅޭ ކަމަށްވާނަމަ އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަންގަން ޖެހޭ ފަރާތްތަކަށް އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެމީހުންނަކީ ކޮން ބައެއްކަން އެނގުމުން އެމީހުންނަށް ގުޅައި އެމީހުން ހުރިތަން ބަލައި ނުހެދޭ ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު ގިނަ ބައެއް ދަނީ ހޯމް ކަރަންޓީނަށް ލައި ގެތައްވެސް މޮނިޓަރިންއަށް ލަމުންނެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ބޭރުގައި އުޅޭ މައްސަލަތައް ދަނީ މި ފަހަކަށް އައިސް ގިނަ ވަމުންނެވެ.