މާސްކް ނާޅާ އުޅުނު 272 މީހަކަށް ނަސޭހަތް ދީ 52 މީހަކު މިއަދު ޖޫރިމަނާ ކޮށްފި އެވެ.

ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދާތީ ބޭރަށް ނުކުންނައިރު މާސްކް އަޅަން ސަރުކާރުން ވަނީ މަޖުބޫރު ކޮށްފަ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެސްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކް ނާޅައިގެން މިއަދު އެކަނި 272 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 52 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މާސްކް ނާޅާ އުޅެގެން ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.

ނަޒްލާ ވިދާޅުވީ މާސްކް އެޅުމަށް މަޖުބޫރު ކުރި ފަހުން 645 ފަރާތަކަށް ނެސޭހަތް ދީ 73 ފަރާތެއް މާސްކާ ނާޅާ އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދު (ވިލިމާލެ، ހުޅުމާލެ) ހިމެނޭ ގޮތުން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށް މާސްކް އަޅަން ޖެހޭނެ އެވެ. އަދި އެކަމުން އިސްތިސްނާ ވާނީ، އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި ނަގާ ނުހެދޭ ހާލަތުގައި ތިބޭ މީހުން ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.