އަތް ނުފޯރާ ފަށަށް އިންފްލޭޝަން އަރައިގެން ދިޔުމާއި ދިވެހި ފައިސާގެ އަގު ވެއްޓުމަކީ ރާއްޖޭގެ އިގްތިސޯދަށް ދިމާވާނެ އާދައިގެ ގޮންޖެހުމެއް ނޫނެވެ. މިހާރު ރާއްޖޭގެ އިގްތިސޯދަށް މިސާލު ޖަހަނީ ވަޅަކަށް ވެއްޓިފައިވާ ބިޔަ އެތެއްގެ ގޮތުގަ އެވެ. މި ހާލަތު އިގުތިސޯދީ މާހިރުން ގުޅުވައިލަނީ ހަމައިން ނެއްޓިފައިވާ، ޑޮލަރުގެ ބްލެކްމާކެޓާ އެވެ.

"އިގުތިސޯދަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް، މިސާލަކަށް އިންފުލޭޝަން، މި ހުރިހާ ކަމެއްގެ އަސްލަކީ ޑޮލަރުގެ މައްސަލަ. އިމްޕޯޓަރުންނަށް ހަމަ އަގުގައި ޑޮލަރު ނުލިބުން. އެ މީހުންނަށް ބޭންކު ތަކުން ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބެނީސް އިގްތިސޯދީ މައްސަލަތަކަށް ހައްލެއް ނެތް،" ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ ރައީސް އަހުމަދު އަދީބު ވިދާޅުވި އެވެ.

ޑޮލަރުގެ ކަޅުބާޒާރުގެ މައްސަލަ ހައްލުކޮށް ޑޮލަރުގެ ވިޔަފާރި "މަތިރި" ކުރަން ސަރުކާރުން ޑޮލަރު ގަނެ ވިއްކާ ރަސްމީ އަގު 20 ޕަސެންޓްގެ ބޭންޑަކަށް ފެއްތި އެވެ. އެ ބަދަލަށް އަހަރެއްވާން ދާއިރު ބައެއް ފަރާތްތަކުން އެ ފިޔަވަޅު ސިފަކުރަނީ "ފޫނެއް ފަޔަށް ފެންފުރުމެއް"ގެ ގޮތުގަ އެވެ. ނަމަވެސް އިއްޔެ ބާޒާރުން ކީ އަޑުތައް ބަދަލުވެ އަންނަނީ ތަފާތުވަމުންނެވެ.

"ޑޮލަރު އަގު ވެއްޓިއްޖެ. އެއްގޮތަކަށް ވެސް [ބޭނުންވާ އަގުގައި] މި އުޅެނީ ނުވިކިގެން. ކުރިން 19ރ. އަށް ވިއްކުނަސް މިހާރު ނުވިއްކޭ. މިއަދު އެންމެ މައްޗަށް ވެސް މި ވިކެނީ 17ރ. އަށް. އެހެންވެ މިއަދު [ޑޮލަރު] ނުވިއްކަން،" ޑޮލަރުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ސަފާރީ ޔޮޓެއްގެ އޯނަރަކު އިއްޔެ ބުންޏެވެ.

އޭނާ ބުނާގޮތުން ޑޮލަރުގެ އަގު ބްލެކް މާކެޓްގައި ވެސް ވެއްޓުނީ އިމްޕޯޓް ކުރާ ފަރާތްތަކަށް ބޭންކުން ޑޮލަރު ދޫކުރާ ވަރު އިތުރު ކުރުމުންނެވެ. އެގޮތުން މިހާރު އިމްޕޯޓަރުން ބްލެކް މާކެޓުން ޑޮލަރު ގަންނަނީ މަދުންނެވެ. ހަމައެއާއެކު ސީޒަނާ ދިމާވެ މިވަގުތު ޑޮލަރުގެ ސަޕްލައި ވެސް ވަނީ އިތުރުވެފަ އެވެ.

"މިސާލަކަށް؛ 50،000 ޑޮލަރު ބޭނުން ވެގެން އުޅޭ މީހާއަށް މިހާރު ބޭންކުން އެބަލިބޭ 30،000 ޑޮލަރު. ދެން ބާކީ ބައި އަހަރުމެން އަތުން މިނަގަނީ،" ޑޮލަރު ބުލެކްމާކެޓްގައި ވިއްކައިގެން ރަނގަޅު ނަފާއެއް ހޯދަމުން އައި ސަފާރީ އޯނަރު ބުންޏެވެ. "ޑިމާންޑް ދަށްވެ މި އޮތީ އަގުވެއްޓިފައި. އެހެންވެ މި ވަގުތު ނުވިއްކާ [ފޮރުވަން] އިސްކަންދެނީ."

ރާއްޖެއަށް ގިނަ ބާވަތްތަކެއްގެ ތަކެތި އިމްޕޯޓް ކުރާ ބީއެޗްއެމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އިބްރާހިމް ޝަރީފް ރޭ ވިދާޅުވީ އެ ކުންފުނިން މުދާ ގަންނަން ޑޮލަރު ހޯދަނީ ބޭންކުތަކުން ކަމަށާއި ބްލެކް މާކެޓަށް ބަރޯސާނުވާ ކަމަށެވެ.

"އަޅުގަނޑުމެން ހަމަމުޅިންހެން ބޭންކުން، މަދުވާ އެތިކޮޅެއް އަޅުގަނޑުމެންގެ ސޭވިންއިން މި ނަގަނީ،" ޝަރީފް ވިދާޅުވި އެވެ.

އިމްޕޯޓަރުން ވެސް ބްލެކްމާކެޓުން ވަނީ އަތްފޮޅާލައި ޑޮލަރުގެ ބާޒާރަށް ބަދަލެއް އަންނަނަ މަންޒަރު ވަނީ ސިފަވާން ފަށައިފަ އެވެ.

އަދީބު ވިދާޅުވި ގޮތުގައި ބްލެކް މާކެޓް ހަމައަކަށް އެޅުނު ކަމަށް އަދި ގަބޫލު ކުރެވޭކަށް ނެތެވެ. ނަމަވެސް ބޭރު ފައިސާގެ ބާޒާރަށް "ކުޑަ ލުޔެއް" އައީ އެވެ.

"ބޭންކުތަކުން މުޅިންހެން ޑޮލަރު ނުލިބެނީސް މި މައްސަލަ ދާއިމީ ހައްލެއްނެތް. މިއީ މިވަގުތު [ސީޒަން] ތެރެ ވީމައި އައިސްގެން އުޅޭ ލުޔެއްހެން ހީވަނީ. އެއީ އަދި މުޅި މައްސަލައަށް ހައްލެއް އައުމެއް ނޫން،" އަދީބު ވިދާޅުވި އެވެ.