ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަކީ އުފެއްދުންތެރިކަމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކ. ގުޅީފަޅުގައި ގާއިމުކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއެވެ. އެ ކާރުހާނާއަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގައި ހޮޅި އުފައްދާ ހަމައެކަނި ކާރުހާނާއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނެފައިވަނީ އެކުންފުނި އުފެދުނުތާ މިހާރު 25 އަހަރު ވެފައިވާ އިރު، ކުންފުނިން ވަނީ ދިވެހި މުޖުތަމައުގެ ސިއްހީ ރާއްކާތެރިކަމަށް ބޮޑު ހިއްސާއެއްކޮށް ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ފޯރުކޮށްދީ އަދި ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރު ކ. ގުޅީފަޅުގައި ގާއިމުކުރި ހޮޅި އުފައްދާ ކާރުހާނާއަކީ ފާހަގަކޮށްލެވޭ ތަނެކެވެ.

އެމްޑަބްލިއުއެސްސީއިން ގާއިމުކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާ --- ފޮޓޯ : އެމްޑަބްލިއުއެސްސީ

އެ ކާރުހާނާއިން ހޮޅި އުފައްދާނީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝިނަރީ އާއި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމައްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ. އަދި ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ޓެކްނޮލޮޖީ ހުރި ލެބެއްވެސް އެ ކާރުހާނާގައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީއިން ބުނާގޮތުގައި އެ ކާރުހާނާއިން އުފައްދާ ތަފާތު އެެކިއެކި ސައިޒުތަކުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ސްޓޯމް ވޯޓާ އަދި ވާރޭފެން ރައްކާކުރުން ފަދަ ތަފާތު އެކިއެކި މަޝްރޫއު ތަކުގައި ބޭނުންކުރަމުން ދާތާ މިހާރު ވަނީ ފަސް އަހަރުވެފައެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އުފެއްދުމުގެ އިތުރުން އެ ކާރުހާނާއިން މިހާރު ވަނީ ފެން ވަޔަރު ކުރުމަށް ބޭނުންވާ ޕީވީސީ ޕްރެޝަރު ހޮޅި އުފައްދައި މާކެޓަށް ނެރެން ތައްޔާރު ވެފައި ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. އެ ޕްރެޝާ ހޮޅިއަކީ ރާއްޖޭގެ މާކެޓުގައި އެންމެ އާއްމު އަދި އެންމެ މަގުބޫލު ތައިލޭންޑްގެ ސްޓޭންޑާޑް ކަމުގައިވާ "ތައި ސްޓޭންޑާޑް" އަށް ފެތޭ ގޮތަށް ތައްޔާރު ކުރާ ފެންވަރު ރަނގަޅު ހޮޅި ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކާރުހާނާއިން، ފެންވަޔަރު ކުރުމަށް ބޭނުން ކުރާ ޕްރެޝާ ކްލާސް 5.8 އާއި 5.13 ގެ، ބައި އިންޗި އާއި ހަ އިންޗި ޑައިމީޓަރާ ދެމެދުގެ ސައިޒުތަކުގެ ހޮޅިތައް އުފައްދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. އެ އުފެއްދުމާއެކު ފެންވަޔަރު ކުރުމަށް ބޭނުންވާ ހޮޅި ހޯދުމުގައި އިމާރާތް ކުރުމުގެ ސިނާއަތަށާއި ފިހާރަތަކަށް ލުއި ވެގެންދާނެއެވެ.

އެމްޑަބްލިއުއެސްސީއިން ގާއިމުކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާ --- ފޮޓޯ : އެމްޑަބްލިއުއެސްސީ

އެގޮތުން ބޭރުން ހޮޅި ގެނައުމުގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ އުފެއްދުމެއް ރާއްޖެއިން ލިބެން ހުރުމަކީ ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް އެމްޑަބްލިއުއެސްސީއިން އުފައްދާ އަންޕްލާސްޓިސައިޑް ޕޮލިވިނީލް ކުލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި އަދި ހައި ޑެންސިޓީ ޕޮލެޔެތެލީން (އެޗްޑީޕީއީ) ޕްރެޝާ ހޮޅި އަކީ ޔޫރަޕްގެ ސްޓޭންޑާޑް ކަމުގައިވާ "އީއެން" އާއި އަދި "އައިއެސްއޯ" ސްޓޭންޑަޑަށް އަށް ފެތޭނެހެން އުފައްދާ ހޮޅިއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންކުރުމަށް ތިން އިންޗި އާއި ހަ އިންޗި ޑައިމީޓަރާ ދެމެދު ގެ ހޮޅި އެ ކާރުހާނާއިން އުފައްދާއިރު، ފެނުގެ ނިޒާމުގެ މަސައްކަތަށް ބޭނުންކުރުމަށްޓަކައި އެއް އިންޗިއާއި 10 އިންޗި ޑައިމީޓަރާ ދެމެދުގެ ގެ ސައިޒްތަކުގެ ހޮޅި އުފައްދައެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ އެކުންފުނިން އަމާޒުކުރަނީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީ ކުރުމަށާއި އޭގެ މަންފާ އާއި ލާބަ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.