03 Aug 2020, 18:42
ހދ. ނޮޅިވަރަމަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ހއ. އިހަވަންދޫގެ ތަޚްތު ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނައިރު އެ ރަށަށް އަރައި ފޭބޭނީ ކަމާބެހޭ އިދާރާއެއްގެ ހުއްދައެއް ލިބިގެންނެވެ.
ތަޚްތު ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭގައެވެ. އެ ބޯޓުން ޕޮޒިޓިވް ވެފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ތަޚްތު ބޯޓު ވަނީ މާލެއިން އިހަވަންދޫއާ ދޭތެރޭ ގިނަ ރަށްތަކަކަށް ޖައްސާފައެވެ.
މިދިޔަ ހަފްތާގައި ވެސް އެރަށު ބޯޓެއްގެ ފަޅުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން ހއ. އިހަވަންދުއަށް ދަތުރުކުރި ބޯޓެއް ކަމަށްވާ "242"ގެ، ކޭޝިއަރެކެވެ.
އެބޯޓު ގިނަ ރަށްތަކަށް ޖައްސާފައެއް ނުވެއެވެ. އިހަވަންދޫއަށް ދިޔުމުގެ ކުރީން އެ ބޯޓު ޖައްސާފައިވަނީ ހދ. ވައިކަރަދޫއަށެވެ. އެހެންނަމަވެސް އެ ބޯޓަކީ ގިނަ މީހުން އުޅޭ ބޯޓަކަށް ވުމުން، އެ ކޭސް އާ ގުޅިގެން ކްލަސްޓާ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.