09 Jan 2012, 09:46
ދީނީ އިލްމު ވެރިންނަށް ބިރުދައްކައި ބްލެކް މެއިލް ކުރުމުގެ "ކަންތައްގަނޑެއް" ސަރުކާރުން މިހާރު ކުރިއަށް ގެންދާކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނަލަ ހިޔާހޮޓެލްގައި "23 ޑިސެމްބަރުގެ އިއްތިހާދު" އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއްގައި ފެންނަ ހުރިހާ މަންޒަރުތަކެއް މިހާރުގެ ސަރުކާރުން ފެންނަން ފަށާފައިވާ ކަމަށާއި ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރާނެ ކަމެއް ނޭނގިގެން ރައްޔިތުން ބްލެކްމެއިލްކޮށް ބިރުދައްކައިގެން ސަރުކާރު ހިންގަން މަސައްކަތްކުރާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދީނީ އިލްމުވެރިންނަށް އަމާޒުކޮށްގެން ބްލެކް މެއިލްކުރުމުގެ ވަރަށް ވަރުގަދަ ހަރަކާތްގަނޑެއް އެބަ ހިނގާ. ހުދު އަޅުގަނޑާ ދޭތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާ ހަބަރު ލިބިއްޖެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް [ފުލުސް އޮފީހަށް]އަޅުގަނޑު ގެންދާނެ ކަމަށް ވަރަށް އިތުބާރު ހުރި ފަރާތްތަކުން ހަބަރުދީފި،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްލެކްމެއިލްކޮށް ބިރު ދެއްކިނަމަވެސް އެއްވެސް ވަރަކަށް ފަހަތަށް ނުޖެހި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މި ބްލެކްމެއިލްގެ އެންމެ ވަރުގަދަ އެއް ކަންތައް އެއީ، ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ވިދާޅުވުން. އެއީ މެދު މިނަށް އެންމެން ތިރިވީމައޭ ސްޕާތައް ހިންގަން ހުއްދަ ދޭނީ. ކޮންމެއަކަސް އެބޭފުޅުން ތިރިކޮށްލާ ގޮތަކަށް ތިރި ވެސް ކޮށްލައިފިކަންނޭގެ މިހާރު ހުއްދަ ވެސް ދެއްވީނޫންތޯ"
އިމްރާން ވިދާޅުވީ މިހާރު ކުރަން ޖެހިފައިވާ މަސައްކަތަކީ ރާއްޖޭގެ އިސްތިގުލާލް ސަލާމަތްކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ކުރުމުގައި އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ފަސްޖެހުމެއްނެތި ނުކުންނާނެ ކަމަށެވެ.