ރޯމް (ޖަނަވަރީ 9) : ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް އެއްވެސް ގައުމަކަށް އެކަހެރި ގޮތެއްގައި ހައްލުނުކުރެވޭނެ ކަމަށް އިޓަލީގެ ބޮޑުވަޒީރު މާރިޔޯ މޮންޓީ ވިދާޅުވެއްޖެއެވެ.

އިޤްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ މޮންޓީ ވިދާޅުވީ ޔޫރަޕްގެ ދަރަނީގެ މައްސަލަތައް އެކަހެރި ގޮތެއްގައި ހައްލު ނުކުރެވޭނެވަރުގެ އިޤްތިސާދީ ގޮތުން ބާރުގަދަ ޤައުމެއް ޔޫރަޕްގައި މިހާރު ނެތް ކަމުގައެވެ. ރޯމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދަރަނީގެ މައްސަލަތައް ޙައްލުކޮށްގެން ނޫނީ ޔޫރަޕަށް އިޤްތިސާދީ ކުރިއެރުން ދެން ނުލިބޭނެ ކަމަށާއި މިކަމުން ސަލާމަތްނުވެ ޔޫރަޕްގެ އިޤްތިސާދުތަކަށް މުސްތަޤްބަލެއް ވެސް ނެތްކަމުގަ އެވެ.

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާއި ޔޫރޯޒޯން ރޫޅެމުންދާދިޔުން ޙައްލުކުރެވޭނީ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތައް އެކަތި ގަނޑަކަށްވެ ގުޅިފައިވާ ޒިންމާދާރު ނިންމުންތަކެއް ނިންމައިގެން ކަމަށްވެސް މޮންޓީ ވިދާޅުވިއެވެ.

މޮންޓީ އިއްޔެގެ ވަގުތެއްގައިވަނީ ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާރކަލް އާ ބަރލިންގައި ބައްދަލުކުރައްވާފައެވެ. ޔޫރަޕަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާއި އިޤްތިސާދީ އެހެން މައްސަލަތަކާގުޅިގެން މިއަހަރު ތެރޭގައި ޔޫރޯ ޒޯން ރޫޅިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށް ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ދަރަނީގެ މައްސަލަގުޅިފައިވަނީ އެޤައުމުތަކަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ކަމަށާއި މިހާތަނަށް އުޅުނު މުއްސަނދި އަދި އިސްރާފް ދިރިއުޅުމުގައި ޔޫރަޕްގެ ގިނަ ޤައުމުތަކަށް ދެން ނޫޅެވޭނެ ކަމަށް އިޤްތިސާދީ ރިޕޯޓްތައް ބުނެއެވެ. -- ރޮއިޓާސް