09 Jan 2012, 07:35
ޤާހިރާ (ޖަނަވަރީ 8): އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާއަށް އިހްތިރާމް ކުރާނެކަމުގެ ގެރެންޓީ އެމެރިކާއަށް ދިނުމަށް މިސްރުގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބާރުގަދަ ފަރާތް ކަމުގައިވާ މުސްލިމް ބްރަދަރހުޑް ޖަމާއަތުން ދެކޮޅު ހަދައިފިއެވެ.
މުސްލިމް ބްރަދަރހުޑް ގެ އިސްވެރިއެއް ކަމަށްވާ އިބްރާހީމް މުނީރު ވިދާޅުވީ އެޖަމާއަތުގެ ވެރިކަމެއްގައި ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާއާމެދު ގޮތެއް ނިންމާނެ ކަމަށާއި ގޮތެއް ނިންމުމަށް ދާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ކަމުގައެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ އެމުޢާހަދާ އުވާލުމަށް މިސްރު ރައްޔިތުންގެ ގިނަބަޔަކު ވޯޓުދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި ވައްޓާލިފަހުން މިސްރުގެ ސިޔާސީ މަސްރަޙުގައި އެންމެ ނުފޫޒުގަދަ ޖަމާއަތެއްގެ ގޮތުގައި ފާހަގަކުރެވެން ފަށާފައިވަނީ މުސްލިމް ބްރަދަރހުޑް ޖަމާޢަތެވެ. މިސްރުގައި ދާދިފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ މުސްލިމް ބްރަދަރ ހޫޑް ޖަމާއަތުގެ ސިޔާސީ ގޮފިކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީއެވެ.
މުސްލިމް ބްރަދަރހުޑް ޖަމާއަތުން މިހެން ބުނެފައިވަނީ އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާއަށް މުސްލިމް ބްރަދަރހުޑް ޖަމާއަތުން އިހްތިރާމްކުރާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިއަކު ދާދިފަހުން ބަޔާނެއް ދެއްވުމާގުޅިގެންނެވެ. -- އަލްޖަޒީރާ