މާލެއަތޮޅު ކާށިދޫ ސްކޫލްގެ ޕްރިންސިޕަލް ޗުއްޓީގައި ހުންނެވުމަށްފަހު މިއަދު ކާށިދޫއަށް ވަޑައިގަތުމުން އެރަށު ސްކޫލްގެ ބެލެނިވެރިން އޭނާ އާއި ދެކޮޅަށް މުޒާހަރާކުރުމުން ރަށް ދޫކޮށް ވަޑައިގަންނަވައިފި އެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިރޭ ވިދާޅުވީ މިއަދު ހަވީރު 4:45 ގައި އެ ރަށު ސްކޫލްގެ ޕްރިންސިޕަލް ސަމީހު މޫސާ ފެރީއިން އެ ރަށަށް ވަޑައިގަތުމުން ސްކޫލްގެ ބެލެނިވެރިން މުޒާހަރާކޮށް ގޮވަމުން ދިޔައީ ޕްރިންސިޕަލް އަށް އެރަށަށް ނޭރޭނެކަމަށާއި ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

ސުލްތާން ވިދާޅުވީ ސަމީހު ޕްރިންސިޕްލް ކަމުގައި ހުންނަވައިގެން ސްކޫލްގެ ކިޔެވުން ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް ބުނެ ޕްރިންސިޕަލް ކާށިދޫގައި ބަހައްޓަން ވަރަށް ގިނަ ބަޔަކު އަޑު އުފުލި ކަމަށާއި ބެލެނިވެރިން ހިތްހަމަ ނުޖެހުނީ މިދިޔަ އަހަރު ސްކޫލްގެ ކިޔެވުން ދަށަށްދިއުމުން ކަމަށެވެ.

ޕްރިންސިޕަލް ކާށިދޫއަށް ނާރުވަން ނގިނަ އަދަދެއްގެ ބެލެނިވެރިން މުޒާހަރާކުރުމުން ޕްރިންސިޕަލް ވަނީ ކާށިދޫގައި މަޑު ނުކުރައްވާ ފުރާވަޑައިގެންފަ އެވެ.

ޕްރިންސިޕަލާ ދެކޮޅަށް ބެލެނެވެރިން މިއަދު ނުކުމެ އަޑު އުފުލުމުގެ އިތުރުން މިއަދު ހަވީރު އެރަށު ސްކޫލްގެ ކިޔެވުން ނިމުނު ގަޑީގައި ސްކޫލްގެ ކިޔެވުން ރަނގަޅު ކުރުމަށް ލީޑިން ޓީޗަރު އީސާ ރަޝީދު ވެސް މަސައްކަތް ނުކުރައްވާ ކަމަށް ބުނެ ސްކޫލް ކައިރިއަށް ވެސް ބެލެނިވެރިން އެއްވެ މުޒާހަރާ ކުރި އެވެ.

އެ ރަށުގައި މުޒާހަރާތައް ކުރި އިރު އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.