ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ 8:57 ހާއިރު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި 18ވަނަ މީހާ އެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ވަނީ ފަށާފަ އެވެ.

މިއަދު 6:00އާ ހަމައަށް އިތުރު 215 ކޭސް ފެނިފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 4164 އަށް ވަނީ އަރާފަ އެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.