ރާއްޖެއިން މިއަދު 215 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި 149 ދިވެހީން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ބަލި ޖެހިފައިވާކަމަށް މިއަދު ދެނެގަނެވުނު މީހުންގެ ތެރެއިން އެއް ކޭސް އަކީ އަތޮޅު ތެރެއިން ފެނުނު ކޭސްއެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4,164 އަށް އަރައިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 149 ދިވެހީންނާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ ހަތް މީހަކާއި، ލަންކާގެ ދެމީހުންގެ އިތުރުން ނޭޕާލް ދެ މީހުންނާއި އިންޑޮނޭޝިއާ މީހެކެވެ.

މިހާތަނަށް ރާއްޖެއިން 80،999 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،489 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 84 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 2،643 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 30 މީހުން ހިމެނެއެވެ.

ރެކޯޑު އަދަދަކަށް މިއަދު މީހުން ޕޮޒިޓިވްވެފައިވާއިރު، މިއަދު ވަނީ ކޮވިޑް ޖެހިގެން 89 އަހަރުގެ ދިވެއްސަކު މަރުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރައިފައެވެ.