03 Aug 2020, 07:10
ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބް ބައްޗަން،77، ކޮވިޑުން ސަލާމަތްވެ ގެއަށް ބަދަލުކޮށްފި އެވެ.
މެގަސްޓާ އަމީތާބް ކޮވިޑް19 އަށް ޕޮޒިޓިވްވެ އެޑްމިޓްކުރީ މިދިޔަ މަހު 11 ވަނަ ދުވަހު އެވެ. އޭނާ އާއެކު ދަރިފުޅު އަބީޝޭކް ބައްޗަން ވެސް ޕޮޒިޓިވްވި އެވެ. އަދި އަބީޝޭކްގެ އަންހެނުން ބަތަލާ އައިޝްވާރިޔާ ރާއީ އާއި ދެމަފިރިންގެ ދަރިފުޅު އާރާދިއާ ބައްޗަން ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. ނަމަވެސް އައިޝްވާރިޔާ އާއި އާރާދިއާ ކޮވިޑުން ސަލާމަތްވުމުން އެމީހުން ވަނީ މިދިޔަ މަހު ފަހުކޮޅު ގެއަށް ބަދަލުކޮށްފަ އެވެ.
ކޮވިޑުން ސަލާމަތްވެ އަމީތާބް ކުރި ޓްވީޓެއްގައި ބުނީ ކޮވިޑުން ނެގަޓިވްވްވެފައިވާ ކަމަށެވެ. ކޮވިޑުން ސަލާމަތްވީތީ އުފާކުރާ ކަމަށާއި އޭނާއަށް ހެޔޮދުޢާކޮށްދިން ރަހުމަތްތެރިންނާ ފޭނުންނަށް ޝުކުރުއަދާކުރާކަމަށެވެ. އަދި ނާނަވަތީ ހޮސްޕިޓަލުގެ ހުރިހާ ނަރުހުންނަށްވެސް އަމީތާބް ވަނީ ޝުކުރުއަދާކޮށްފައެވެ.
އަމީތާބް ކޮވިޑުން ސަލާމަތްވި ނަމަވެސް އޭނާގެ ދަރިފުޅު އަބީޝޭކަށް އަދިވެސް އަންނަނީ ނާނަވަތީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.