02 Aug 2020, 19:22
ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލައިގައި، އެރަށު ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފިއެވެ.
ފުލުހުންގެ ލޯންޗުގައި ރޯކޮށްލީ މި އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.
އެ މައްސަލައިގައި މޫސާ އިނާސްގެ އިތުރުން ދެން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ.
އެ ދެމީހުންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާމީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ 29 ޖުލައި 2020 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ މީހެއްގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ލޯންޗު ރޯކޮށްލި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުވާ ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގެ ހެކި ނައްތާލާފައިވާތީ މައްސަލައިގެ ތުހުމަތު ކުރެވޭ އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، އޭނާ އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މޫސާ އިނާސް އާއި އަބްދުއްލަތީފް އިބްރާހީމް އަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައިގައި ވެސް ދައުވާ ކުރި ދެ މީހުންނެވެ.
މޫސާ އިނާސް އަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައާ ގުޅިގެން 15 އަހަރަށް ޖަލަށްލި މީހެކެވެ. 2009 ވަނަ އަހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ފިލައިގެން ފަތާފައި ހުޅުމާލެއަށް އަރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އޭނާ ހައްޔަރު ކުރީ އެވެ.
އިނާސް ވަނީ ސަލްޓަން ޕާކް މައްސަލައިގެ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފަ އެވެ. ފަހުން މައާފު ދިނުމަށް ފަހު އޭނާ ޖަލުން ދޫކޮށްލީ އެވެ.
އަބްދުއްލަތީފަކީ ސަލްޓަން ޕާކުގައި ބޮން ގޮއްވާލުމަށް ފަހު ރާއްޖެއިން ފިލި މީހެކެވެ. އެ މައްސަލައިގައި އަބްދުއްލަތީފް ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އޭނާ ޕާކިސްޓާނުން ރާއްޖެ އައިސް އެއާޕޯޓުގައި ހުއްޓަ އެވެ.
ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ޒަހަމްވި އެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ.