ދ. ކުޑަހުވަދޫގައި 70 އަހަރުގެ މުސްކުޅި ފިރިހެނަކު ރަހުމް ކުޑަގޮތަކަށް އަނިކޮށް ޒަހަމް ކުރުމަށް ފަހު މަރާލައި އެ ރަށު ފަޅުގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.

މަރާލުމަށް ފަހު ކުޑަހުވަދޫ ޕްރީ ސްކޫލް ސަރަހައްދުގެ ފަޅު ގޯއްޗެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާ ރޭ 8:00 ޖަހާ އެހާކަންހާ އިރު ފެނުނީ އެރަށު ސަމަންދަރު، އަލީ ހަސަން (އައްޔުބޭ) އެވެ.

ގެމެންދޫގައި އުޅުނު އިރުވެސް އަދި ކުޑަހުވަދޫ އަށް ހިޖުރަ ކުރި ފަހުން ވެސް ސިހުރާއި ފަންޑިތައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އައްޔުބޭ ހަށިގަނޑުގެ އެކިތަންތަނަށް ވަޅި ޖަހައި ޒަހަމް ކޮށް މަރާލުމަށް ފަހު އޭނަ ވައްދާފައި އޮތް ގޯއްޗަކީ އޭނާ ދިރިއުޅޭ ސަމަންދަރުގެއާ ގާތްގަނޑަކަށް 300 ފޫޓު ދުރުގައި ހުންނަ ގޯޅިއެއްގެ ތެރޭގައި ހުންނަ ފަޅުގެއަކަށެވެ. އެ ގޮޅިއަކީ ވަރަށް މަދުން ނޫނީ މީހުން ވަދެ ނޫޅޭ ގޯޅިއެކެވެ.

ސުނާމީ ކާރިސާއަށް ފަހު ދ. ގެމެންދޫ ކުޑަހުވަދޫއަށް ބަދަލުވި އާއިލާތަކުގެ ތެރޭގައި ހިމެނި، ކުޑަހުވަދޫގައި ދިރިއުޅެމުން އަންނަ މީހާ މަރާލާފައި އޮއްވާ ފެނުނީ އިއްޔެ އިރު އޮއްސުނު ވަގުތު މަޣުރިބު ނަމާދަށް ދިޔަ ފަހުން ގެއަށް ނައިސް ލަސްވެގެން އުޅެނިކޮށެވެ.

"ކާފަގެ ގައިގެ އެތަން މިތަނަށް ވަޅައި ހަރައި މަރާލާފައި އޮއްވާ ފެނުނީ މަޣުރިބު ނަމާދަށް ދިއުމަށް ފަހު ހަބަރެއް ނުވެގެން އެވާހަކަ ދައްކަނިކޮށް. ކާފައަށް ހަމަލާ ދީ މަރާލަންވީ ސަބަބެއް ނުވިސްނޭ!" އަލީ ހަސަންގެ ކާފަ ދަރިއަކު ބުންޏެވެ.

އާއިލާގެ އެހެން މެންބަރަކު ބުނީ ކާފަ މަރާލާން ވީ ސަބަބެއް ނޭނގުނު ނަމަވެސް އެ ރަށުގެ ބަޔަކު ކާފައަށް މަރުގެ އިންޒާރު ދެމުން އަންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ.

ފަންޑިތަ ހެދުމުގައި ވަރަށް މަޝްހޫރުވެފައި އައްޔުބޭ މަރާލާފައި އޮތް އިރު ހަށިގަނޑު ފެނުނު ކުޑަހުވަދޫގެ ބައެ އިސް އޮފިޝަލުން ބުނީ މަރާލާފައި ވަނީ ވަރަށް ރަހުމް ކުޑަކޮށްކޮށް ކަމަށާއި ކަރުގެ ވައި ނޮޅިވެެސް ބުރިކޮށްލާފައިވާ ކަމަށެވެ.

އައްޔުބޭ މަރަށް ފަހު ފުލުހުން ވަނީ ކުޑަހުވަދޫ ބަންދުކޮށް އެ ރަށުން އެއްވެސް މީހަކު ފޭބުމާއި އެރުން މަނާކޮށް ރަށުގައި މަރުގެ ތަހުގީގު ފަށައިފަ އެވެ. ފުލުހުންގެ ތަހުގީގު ޓީމާއި ފޮރެންސިކް ޓީމެއް ކުޑަހުވަދޫއަށް ގޮސް އެ ރަށުގައި ހަރަކާތެތެރިވަމުން އަންނަ އިރު މަރުގެ ހާދިސާގެ ތުހުމަތަށް އެރަށުން ވަނީ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ރޭ ހައްޔަރު ކޮށްފައެވެ.

އަތޮޅު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ ހައްޔަރު ކުރި ހަތަރު މީހުންނަކީ ވެސް ވައްކަމާއި މާރާމާރީގެ މައްސަލަ ތަކުގައި މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހުން ކަމަށެވެ.

އައްޔުބޭ މަރާލި އިރު އަށް ކުދިންނާއި އަންބަކު ވެސް ދުނިޔޭގައި އެބަ އިނެވެ. ކުރިން ގެމެންދޫގެ ކުޑަކަތީބުކަން ކުރައްވާ މިހާރު ދިރުއުޅމަށް އެއްވެސް މަސައްކަތެއް ނުކުރާ އައްޔުބޭ ހަށިގަނޑު ރެއިން ފެށިގެން ޑޮކްޓަރުންނާއި ފުލުހުން ބަލައި ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދުމަށްފަހު މިހާރު ވަނީ އޭނާގެ ގެއަށް ހަށިގަނޑު ބަދަލުކޮށްފަ އެވެ. އައްޔުބޭގެ ހަށިގަނޑު ސަމަންދަރު ގެއަށް ބަދަލު ކުރީ ރޭ ފަތިހު 5:40 އެހާކަންހާއިރު އެވެ. އައްޔުބޭ މަރާލި އިރު އޭނާގެ އަންހެނުން އައިސަ އިނީ މާލޭގަ އެވެ. އޭނާ މާލެ އައީ އިއްޔެ އެވެ.

ފުލުހުން އައްޔުބޭގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމުން އެނާ ހިނަވާ ކަފުން ކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކު ބުނީ އައްޔުބެއަށް އެންމެ ބޮޑަށް ހަމަލާ ދީފައި ވަނީ ކަރަށް ކަމަށާއި ކަރުގައި ވަޅި އަޅުވައި ވައިނޮޅިއާ ހަމައަށް ބުރިކޮށްލާފައިވާއިރު ނިތްކުރި އާއި މެއާއި ބަނޑުގެ އެތަން މިތަނަށް ވަޅިން ޒަހަމްކޮށް މެއަށް ވަޅި ޖަހާފައިވާ ކަމަށެވެ.

"ދެން އެންމެ ބޮޑަށް ޒަހަމްކޮށްލާފައި ވަނީ އަރިކަށި، ވަޅި ތެޅުމުގެ ސަބަބުން އަރިކަށީގެ ކަށިތައް ވެސް ފެންނަން ހުރި،" އޭނާ ބުންޏެވެ.

"މިހާރު ހިނަވާ ކަފުންކޮށްފައި އޮތީ. ކުރިން އޮތީ 8:00 ޖަހާއިރު ވަޅުލާ ގޮތަށް. އެކަމަކު އޭނާގެ އާއިލާގެ މީހަކު މޫނު ދެކެން އަންނާނީތީ ވަޅުލުން ވަނީ ފަސްކޮށްލާފައި،" އަތޮޅު ކައުންސިލްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ އާއިލާއާ ހަށިގަނޑު ހަވާލު ކުރީ ތަހުގީހަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށާއި ތަހުގީގު ކުރިޔަށްދާވަރަކުން މަރުގެ ހާދިސާއާ ގުޅޭ މައުލުމާތުތައް އާންމު ކުރަމުންގެންދާނެ ކަމަށެވެ.




------


ހައްޔަރު ކުރި މީހުންގެ ތެރޭ 18 ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް އަތޮޅު ކައުންސިލުން ބުނޭ. ހައްޔަރު ކުރި ހަތަރު މީހުންނަކީ ވެސް ވައްކަމާއި މާރާމާރީގެ މައްސަލަ ތަކުގައި މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހުން.

22:58 މަރުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކު ކުޑަހުވަދޫން ހައްޔަރުކޮށްފައިވާ ކަމަށް ދ. އަތޮޅު ކައުންސިލުން ބުނެފި.

22:30 އަލީ ހަސަންގެ ކާފަދަރިއަކު ބުނީ ކުޑަހުވަދޫގައި ކުޑަ ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު ހާދިސާއަށްފަހު އެރަށު ބައެއްމީހުން އައީ ކާފައަށް މަރުގެ އިންޒާރު ދެމުން ކަމަށް.

22:17 މަރާލާފައި އޮއްވާ ފެނުނީ މީހާއަކީ މީހާ އިނދެ ހަ ކުދިން ތިބި މީހެއް. އޭނާގެ އަނބި މީހާ ވެސް ދުނިޔޭގައި އެބައިން.

22:17 މަރުގެ ހާދިސާގެ ތުހުމަތަށް ކުޑަހުވަދޫން ދެމީހަކު ހައްޔަރުކޮށްފި ކަމަށް އެރަށުން އެބަ ބުނޭ. ފުލުހުން ޔަގީންކޮށެއް ނުދޭ.

21:57 މަރާލާފައިވާ މީހާގެ ކާފަ ދަރިފުޅަކު ބުނީ ކާފަ އެންމެ ފަހުން ނުކުތީ މަޣުރިބު ނަމާދަށް ކަމަށާއި އާންމު ގޮތެއްގައި މަޣުރިބު ނަމާދަށް ފަހު ލަސް ނުވެ ކާފަ ގެއަށް އަންނަ ކަމަށް. މިރޭ މަރާލާފައި އޮއްވާ ފެނުނީ ކާފަ ލަސްވެގެން އެވާހަކަ ދައްކަނިކޮށް ކަމަށް ވެސް އޭނަ ބުނި.

21:50 ފުލުހުން ބުނީ ފޮރެންސިކް ޓީމް ގޮސް ބެލުމަށް ފަހު ބޮޑީ މޯޗަރީގައި ބާއްވަން ޖެހޭ ނަމަ ބޮޑީ މާލެ ގެންނާނެ ކަމަށް. އެހެން ނޫންނަމަ ފޮރެންސިކް ޓީމް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފަހު ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދިއުމަށް އާއިލާއާ ހަވާލު ކުރާނެ ކަމަށް. އަދި އެ ޕްރޮސެސްއެއް ކުރިޔަކަށް ނުދޭ.

21:43 މިހާރު ފުލުހުންގެ ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމު ކުޑަހުވަދޫއަށް ދިއުމަށް ފުރައިފި. ބޮޑީ ޗެކް ކުރުމަށް ފަހު ޑޮކްޓަރުންނާ ނަރުހުން ގޮސްފި. ފަޅު ގޭތެރެއިން ހަށިގަނޑު ނެރުމުގެ މަސައްކަތެއް އަދި ނުކުރޭ.


21:32 އިތުރު އެއްވެސް ބަޔަކު ރަށަށް އެރުން ވެސް މަނާކޮށްފި. ރިސޯޓްތަކުން އައި ބައެއް މީހުން ވެސް ރަށަށް ނާރުވާ ފޮނުވާލައިފި.

21:17 ސިހުރު ފަންޑިތަ ހަދައި އުޅޭ އަލީ ހަސަންގެ މަރާ ގުޅިގެން ކުޑަވަހުދޫން އެއްވެސް މީހަކު ފުރައިގެން ދިއުމާއި ރަށަށް އެރުން ވެސް މިވަގުތު ވަނީ މަނާކޮށްފައި. ފުލުހުންގެ ފޮރެންސިކް ޓީމެއް ކުޑަ އިރުކޮޅެއްގެތެރޭގައި ކުޑަހުވަދޫއަށް ނައްޓާލަނީ.

21:17 އަލީ ހަސަން އަދިވެސް އޮތީ ފަޅުގޭގެ ތެރޭގައި. މިހާރު ޑޮކްޓަރުން ހަރަކާތްތެރިމުން އެބަދޭ. ދ. ގެމަންދޫން ކުޑަހުވަދުއަށް ހިޖުރަކޮށްފައިވާ މީހާއަކީ ފަނޑިތަވެރިއެއް ކަމަށް ބުނޭ.

21:15 އަލީ ހަސަން މަރާލުމަށް ފަހު ވައްދާފައި އޮތީ އޭނާ ދިރިއުޅޭ ގެއާ 300 ފޫޓު ދުރުގައި ހުންނަ ފަޅުގެއެއްގެ ތެރޭގައި. އެ ފަޅުގެއަކީ އެރަށުގެ އާ ޕްރިސްކޫލްގެ ހުޅަނގު ފަރާތުގެގައި ހުންނަ ގެއެއް. އެގެ ހުންނަ ގޯޅީގައި އެއްވެސް މީހަކު ނޫޅޭ. އަލީ ހަސަނަކީ ވިޔަފާރިކޮށް ފައިސާ ގެންގުޅޭ މީހެއް ނޫން. އެންމެ ފަހުން އޭނާ ގެއިން ނުކުތީ މިރޭ މަޣުރިބު ނަމާދަށް ކަމަށް ވަނީ.

21:11 ފުލުހުން އެދިގެން އަލީ ހަސަންގެ ހަށިގަނޑުގެ އޮތް ފަޅު ގޭތެރެއަށް ޑޮކްޓަރަކާ ނަރުހެއް ފޮނުވައި ދީފި.

21:08 މަރާލާފައި ވަނީ ގެމެންދޫގެ ކުރީގެ ކުޑަކަތީބު. ހަށިގަނޑު ދުށް ބައެއް މީހުން ބުނަނީ ބަނޑުގެ އެތަން މިތަނަށް ވަޅި ހަރާފައިވާ ކަމަށް.

21:06 މި ހާދިސާ ހިންގާފައިވާ ވަނީ އެ ރަށު ޕްރި ސްކޫލް ސަރަހައްދުގައި.

21:05 ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައި.

ދ. ކުޑަހުވަދޫގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފަޅުގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނީ އެ ރަށު ސަމަންދަރުގޭ އަލީ ހަސަން މަނިކު، 70 އެވެ. ސަންއޮންލައިންނަށް ކަށަވަރުވެފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ވަޅި ހަރާ ޒަހަމްކޮށްފަ އެވެ.