ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމެންޓުތައް ނަގާ އެތަކެތި ނައްތާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މީހަކު ދައުވާކޮށްފި އެވެ.

ބުދު ހިމެނޭ މޮނިއުމެންޓުތައް ނަގައި އެތަކެތި ނައްތާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކޮށްފައި ވަނީ އާންމުންނާ ގުޅުންހުރި މައްސަލަތަކުގައި އާންމުކޮށް ދައުވާތައް ކުރާ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ސ. ހިތަދޫ، ލާމިގޭ މޫސާ އަންވަރެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 10:00 އަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ވަނީ ޝެޑިއުލްވެސް ކޮށްފަ އެވެ.

މޫސަ ވިދާޅުވީ ބޭރު ގައުމަކުން ހަދިޔާއެއްގެ ގޮތުގައިދޭ އެފަދަ ބުދުތަކެއް ރާއްޖެއަށް އެތެރެކޮށް ނުބެހެއްޓޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާގައި އެދިފައި ވާނެ ކަމަށާއި ޣައިރުގާނޫނީ އެ އަމަލު ހިންގި ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރެލަށް އަމުރު ކޮށްދެއްވުމަށް ވެސް އެ ދައުވާގައި ވަނީ އެދިފައިވާނެ ކަމަށެވެ.

މޫސަގެ ދައުވާގައި ފުލުހުންގެ ހުވައާ ޚިލާފަށް ފުލުހުންނަށް ބުދު ހިމެނޭ އެ މޮނިއުމެންޓްތައް ހިމާޔަތްކުރުމަށް އަންގާފައި ވާތީ އެކަން ހިނގޮގޮތް ސާފުކުރުމަށް އައްޑޫ ޕޮލިސް ސްޓޭޝަން ހިންގުމާއި ހަވާލުވެ ހުރި ޔޫނުސް ސޮބާހު ކޯޓަށް ހާޒިރުކޮށްދިނުމަށާއި ފުލުހުންގެ ހިމާޔަތާއެކު އެ މޮނިއުމެންޓްތައް ނުނަގާ ބަހައްޓާފައިވާތީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ކޯޓަށް ހާޒިރުކޮށްދެއްވުމަށް ވެސް އެދިފައި ވެއެވެ.
އަދި އެ ދައުވާގައި ބުނަނީ އައްޑޫގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމެންޓަކީ ޣައިރުގާނޫނީ އެއްޗެއް ކަމަށް އިސްލާމިކު އެފެއާޒް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މީޑިއާގައި ވިދާޅުވެފައި ވާތީ މީޑިއާގައި މަޖީދު ވިދާޅުވެފައިވާ ވާހަކަތައް ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާ ކަމަށެވެ.