02 Aug 2020, 07:39
އަބޫ ދާބީ (އޮގަސްޓު 2): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ހެދި އަރަބި ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ޕަވާ ޕްލާންޓް އިއްޔެ ހުޅުވައިފި އެވެ.
ބަރަކާގެ ނަން ދީފައިވާ އެ ނިއުކްލިއާ ޕަވާ ޕްލާންޓް ހަދާފައި ވަނީ އަދި ހިންގާނީ އެމިރޭޓްސް ނިއުކްލިއާ އެނާޖީ ކޯޕަރޭޝަން (އީއެންއީސީ) އާއި ކޮރެއާ އިލެކްޓްރިކް ޕަވާ ކޯޕަރޭޝަން (ކެޕްކޯ)އިން ގުޅިގެންނެވެ. އީއެންއީސީން އިއްޔެ ބުނި ގޮތުގައި ބަރަކާގެ ހަތަރު ރިއެކްޓަރުގެ ތެރެއިން އެއް ރިއެކްޓަރުގައި މިހާރު ވަނީ މަސައްކަތްތައް ފަށާފަ އެވެ.
"އެ ރިއެކްޓަރުން ވަނީ ފުރަތަމަ ފަހަރަށް ރައްކާތެރިކަމާއެކު ހޫނު އުފައްދާފަ، އަދި އޭގެއިން އާވި އުފެއްދުމަށް ފަހު ޓާބައިން އަކުން ކަރަންޓު އުފައްދާނީ،" އީއެންއީސީން ބުންޏެވެ.
ޔޫއޭއީން އުއްމީދު ކުރަނީ އެގައުމަށް ބޭނުންވާ ހަކަތައިގެ ހަތަރުބައި ކުޅަ އެއްބައި ކުރިއަށް އޮތް ތަނުގައި ބަރަކާ ޕަވާ ޕްލާންޓުން އުފެއްދޭނެ ކަމަށެވެ.
ބަރަކާ ޕަވާ ޕްލާންޓް މީގެ ކުރިން ހުޅުވަން ހަމަޖެހިފައި އޮތީ 2017 ވަނަ އަހަރު ކަމަށްވީ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެތަން ހުޅުވުން ވަނީ ލަސްވެފަ އެވެ. އަދި އެ ޕްލާންޓުގެ ސަބަބުން ތިމާވެށީގެ ކާރިސާއެއް ނުވަތަ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ވާދަވެރިކަން އުފެދުން ފަދަ ކަންބޮޑުވުންތައް އޮތް ކަމަށް ކަމާ ގުޅުން ހުރި ބައެއް މާހިރުން ވަނީ ބުނެފަ އެވެ.
ޔޫއޭއީގެ ލީޑަރުން ވަނީ އެ ނިއުކްލިއާ ޕަވާ ޕްލާންޓަކީ އެގައުމުގެ ސައިންޓިފިކް ކުރިއެރުންތައް ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
މީގެ ކުރިން، މިދިޔަ މަހުގެ 19އިގައި ޔޫއޭއީން ވަނީ އެގައުމުން މާސްއަށް ފޮނުވާ އުޅަނދެއް ކާމިޔާބު ކަމާ އެކު ލޯންޗުކޮށްފަ އެވެ. އެއީ އަރަބި ދުނިޔެއިން މާސްއަށް މިޝަންއެއް ފޮނުވާ ފުރަތަމަ ފަހަރެވެ.