08 Jan 2012, 16:50
އަންނަ ފެބުރުއަރީ މަހުގެ 24 ވަނަދުވަހު "އިސްލާމް ދީނާއި ގައުމު ސަލާމަތްކުރުން" ނަމުގައި "23 ޑިސެމްބަރުގެ އިއްތިހާދު" އިން މުޅި ރާއްޖެ ޝާމިލްވާ ގޮތަށް "މަހާސިންތާ" އެއް ބާއްވަން މިއަދު ނިންމައިފި އެވެ.
ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ކުރިން މަދަނީ އިއްތިހާދުގެ ނަމުގައި ބާއްވަމުން އައި ބައްދަލުވުންވަނީ "23 ޑިސެމްބަރުގެ އިއްތިހާދު"ގެ ނަމަށް ބަދަލުކޮށްފަ އެވެ.
އިއްތިހާދުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އަށް ސިޔާސީ ޕާޓީން ބުނެފައިވަނީ 24 ފެބުރުއަރީ ގައި މުޅިރާއްޖެ ޝާމިލްވާ ގޮތަށް "މަހާސިންތާ" އެއް އިހްތިޔާރުކުރަން ޖެހުނީ 23 ޑިސެމްބަރުގެ ބޮޑު މުޒާހަރާގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން ސަރުކާރުގައި އެދުނު ފަސް ޑިމާންޑް ފުރިހަމަ ކުރަން ދިން މުހުލަތު ހަމަވުމުން އެއިން އެއްވެސް ކަމަކަށް އަޅާލުމެއް ނުބަހައްޓައި ބޮލާލާއި ޖެހުމުގެ ސަބަބުން ކަމަށެވެ.
އިއްތިހާދުން ބުނެފައިވަނީ ފެބުރުއަރީމަހުގެ ބޮޑު މަހާސިންތާގެ ކުރިން އެކި އެކި ހަރާކާތް ތައް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އޭގެ ތެރޭގައި ރާއްޖެތޭރޭގެ އެކި ކަންކޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކަށް ދަތުރުކޮށް މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ޖަލްސާ ތައްބޭއްވުމާއި، ރާއްޖޭގައި ތިއްބެވި ބޭރުގެ އެމްބަސީ ތަކުގެ އިސްވެރިންނަށް ކުރީގެ މުޒާހަރާގައި ސަރުކާރުން އަމަލުކުރި ގޮތުގެ ފުރިހަމަ މައުލޫމާތު ދިނުމާއި 24 ފެބުރުއަރީގެ މަހާސިންތާއާއި ގުޅޭ މައުލޫމަތުދިނުމުގެ ސްރީލަންކާ އާއި އެހެނިހެން ބައެއް ގައުމުތަކަށް ދަތުރުކޮށް މަހާސިންތާ ކުރިއަށް ދާނެ ގޮތުގެ ފުރިހަމަ މައުލޫމާތުތައް ބޭރުގެ އެމްބަސީތަކުގެ އިތުރުން ބައިނަލް އަގުވާމީ މީޑިޔާގެ ސަމާލުކަމަށް ގެނެސް ބައިނަލް އަގުވަމީ ދުނިޔެއަށް ހާމަކުރާނެ ކަމަށެވެ.
މަދަނީ އިއްތިހާދުން ބޭއްވި ބޮޑު މުޒަހާރާގައި ސަރުކާރަށް ހުށައެޅި ފަސް ޑިމާންޑް ރަސްމީކޮށް ރައީސުލްޖުމުހުރިއްޔާއަށް ހުށައަޅާ ދުވަހެއްގެ ގޮތުގައި ހާއްސަ ދުވަހެއް ފާހަގަކުރަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުންޏެވެ.
މަހާސިންތާ ގެ އެއްވުން ބާއްވާނެ ތަނަކާއި ކުރިއަށް ގެންދާނެ ގޮތަކައިގުޅޭ ގޮތުން ސަން އޮންލައިނުން ސުވާލު ދެއްނެވުމުން އިއްތިހާދުން ބުނެފައިވަނި ކުރީގެ މުޒާހަރާގައި ބައެއް ކަންކަން ކުރިއާ ލައި މީޑިޔާއިން ހާމަކުރުމުން ނާޖާއިޒު ފައިދާ ސަރުކާރުން ނަގާފައިވާތީ މިފަހަރުގެ މަހާސިންތާގެ ކަންކަމުގެ ވާހަކަތައް އެހާ އަވަހަށް ހާމަނުކުރާނެ ކަމަށެވެ.
"މަހާސިންތާ އޮންނާނީ މަތި ހިޔާކުރި ތަނެއްގައެއް ނޫން. އެއްވެސް މާލަމެއްގައެއްވެސް ނޫން. ބޭރުގައި އޮންނާނީ ކޮންމެވެސް ސަރަހައްދެއްގައި އަޅުގަނޑުމެން މަހަސިންތާ ބާއްވާނަން،"
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބުދުﷲ މުހައްމަދު ވިދާލުވީ 24 ފެބުރުއަރީ މަހާސިންތާއިން ވަރަށް އާދަޔާ ހިލާފުކަންތައްތަކެއް ފެނިގެން ދާނެ ކަމަށާއި އެކަމަށް ހޭލުން ތެރިކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭނާއަށް އިއްތިހާދުގައި ހަރާކާތްތެރިވާތީ ބިރުދައްކަން ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ފަހަތަށް ނުޖެހޭނަކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހަރާކަތުގައި ހަރަކާތްތެރިވާތީ ފުލުސް އޮފީހަށާއި އެހެނިހެން ތަންތަނަން ދާން ގަޑިކީ ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ފަސްޖެހުމެއް ނެތް. ވަޅުކަށްޓަފުޅި ދާންޏަކަށް ނުސިހޭނެ. ކޮންމެހެން އަޅުގަނަޑަށް ބިރުދައްކާކަށް ފުލުސް އޮފީހަށް ގެންދާނެކަމެއް ނެތް،" އަބުދުﷲ ވިދާޅުވި އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބުރާހިމް ޝަރީފް( މަވޯޓާ) ވިދާޅުވީ ބޮޑު މުޒާހަރައަކީ އިސްލާމް ދީނުގެ ހިމާޔަތުގައި ބޭއްވި މުޒާހަރާއެއް ކަމަށްވީ ނަމަވެސް ސަރުކާރުން ހުށައެޅުންތަށް އެހެން ގޮތަކަށް އަނބުރާލައި ބައިނަލް އަގުވާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓޭ ގޮތަށް ކަންތަށް ކުރައްވަމުން ގެންދެވި ކަމަށެވެ.
"މުޒާހަރާގެ ބައިވެރިންގެ ހުށައެޅުންތައް މުޅިން އޮޅުވާލައި ބައިނަލް އަގުވާމީ މުޖުތަމައުއަށް ވެސް ވަނީ އޮޅުވާލާފައި މިކަމުގެ ނަތީޖާއެއްގެ ގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަށް ޓުއަރިޒަމް އިންޑަސްޓުރީއަށް އެދަނީ ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތް މަހާސިންތާ ބޭއްވުމުގެ ކުރިން ބައިނަލްއަގުވާމި މީޑިޔާއަށް އެކަމާ ގުޅޭ ހުރިހާ މައުލުމާތުތައް ދެއްވާނެ ކަމަށެވެ
ޖުމުހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުވާދު ގާސިމް ވިދާޅުވި މިފަހަރުގެ މަހާސިންތާގައި ދީން ހިމާޔަތްކުރުމުގެ އިތުރުން ގައުމުގެ ހިމާޔަތްކުރުން އިތުރުކުރަން ޖެހުނީ ސަރުކާރުގެ ދޯހަޅި ސިޔަސަތުގެ ސަބަބުން މުޅިރާއްޖޭގެ އިގްތިސާދަށާއި އިޖްތިމާއި ފޭރާން ހަލާކުކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތި އެވެ.
"ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ހަމައެކަނި ދީނަކަށް ނޫން ގެއްލުންވަނީ އެކަމުގެ ގެއްލުން އިގްތިސާދަށް ވެސް އެބަކުރޭ،"
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވީ މިސަރުކާރަކީ ދިވެހި ރައްޔިތުންގެ އެއްވެސް އިހުސާސްތަކަށް ބެލުމެއްނެތި ވެރިކަން ކުރާ ސަރުކާރެއް ކަމަށާއި މި ސަރުކާރަކީ ޑިމޮކުރެޓިކް ސަރުކާރެއް ނޫން ކަން ވަރަށް ރަނަގަޅަށް ހާމަވާ ކަމަށެވެ.
"ސަރުކާރުގައި ހުރި ދެ ސިފައެއްގެ ވާހަކަ އަޅުގަނޑު ކުރިން ދަންނަވާފައިވާނެ. އެއީ އިންތިހާއަށް ހުދުމުހްތާރު ސަރުކާރެއް. އިންތިހާއަށް ލާދީނީ ސަރުކާރެއް. ސަރުކާރުން އަމަލުކުރި ގޮތުން އެ ދެ ސިފައިގެ ތެރެއަށް އަޅުގަނޑު އިތުރުކޮށްލާ އަނެއް ސިފައަކީ މި ސަރުކާރަކީ އިންތިހާ އަށް ބޯހަމަނުޖެހޭ ސަރުކާރެއް،" ޝޭހް އިމްރާން ވިދާޅުވި އެވެ.
ޕިޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ވިދާޅުވީ ސަރުކާރުން މިހާރު ކުރާކަންތައްތަކަކީ ގައުމު ފުނޑުފުޑކޮށްލުމަށް ކުރާ މަސައްކަތް ކަމަށާއި މިހާރު ގައުމުގެ ހިނގާ ހުރިހާކަމެއްގެ ޒިންމާ ރައީސް ނަގްވަން ޖެހޭނެ ކަމަށެވެ.
"މިކަމުގެ ޒިންގާ ނަންގަވާ ރައީސް ނަޝީދު މިހާރުން މިހާރަށް ރައްޔިތުންގެ ވެރިކަން ރައްޔިތުންނާއި ހަވާލުކުރަންވީ،"
މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވީ އެ އިއްތިހާދާއި ޕާޓީތައް ގުޅިގެން ދީން ހިމާޔަތުގައި ކުރަނީ "ޖިހާދެއް"ގެ ގޮތުގައި ކަމަށާއި ޖިހާދު އެބަސް ވިދާޅުވުމުން ވެސް ބައެއް މީހުން ޖެހިލުން ވާނެކަން އެނގޭ ކަމަށެވެ، އޭނާ އަދި ވިދާޅުވީ ގައުމު މިހާރު ދަނީ އަސްކަރީ ވެރިކަމާ ދިމާލަށް ކަމަށާއި ޑިސެމްބަރު މުޒާހަރާއާ ގުޅިގެން ފާހަގަވީ ރައީސް ނަޝީދުގެ ކިބައިގައި އަސްކަރީ ވިސްނުންފުޅެއް ހުރި ކަމަށެވެ.
"އަޅުގަނޑުމެން މިދަންނަވަނީ އަނިޔާވެރި ވެރިކަމެއްގެ ތެރޭގައި ހައްގު ބަސް ބުނުމުގެ ވާހަކައެއް. އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި މުޅި ގައުމަށް މިއޮތީ އަނިޔާވެރިކަން ވެރިވެފައި،" މުހައްމަދު ދިދީ ވިދާޅުވި އެވެ.