01 Aug 2020, 22:41
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 72 މީހަކަށް ފަރުވާދެނީ އެޑްމިޓްކޮށްގެން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދޭ އެކަކާއި ޑީއެޗް16 ގައި ފަރުވާދޭ ހަތަރު މީހެއްގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރުގައި އެކަކު އަދި ށ. ފުނަދޫ ގައި ގައިމްކޮށްފައިވާ ސެންޓަރުގައި އެކަކުއެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައި 65 މީހަކަށް ފަރުވާދޭއިރު 60 މީހަކަށް ދަނީ ވޯޑުގައި ފަރުވާ ދެމުންނެވެ. އަދި ފަސްމީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ދެމީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ 156 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ 3،949 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 2،613 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1305 މީހުންނަށެވެ.