ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15000 ގައުމީ ދިދަ ގަނެފައި ވަނީ ނަމީރާގެ މުވައްޒަފަކު އަމިއްލައަށް އެސްޓިމޭޓް ހުށަހަޅައި ކާމިޔާބުކޮށްގެން ކަމަށްވާތީ އެ މުވައްޒަފުގެ މައްޗަށް ދައުވާ ނުކޮށް ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު ސުވާލު އުފެދޭ ކަމަށް ނާޒިމްގެ ވަކީލު ރޭނިސް މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15000 ގައުމީ ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނާއި ގުޅިގެން ދިދަތައް ގަތުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ އިޖުރާއީގޮތުން ނާޒިމްގެ ފަރާތުން ފާހަގަކުރަން ޖެހޭ ކަންތައް ފާހަގަކުރުމެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ރޭނިސް ސަލީމް ވިދާޅުވީ މީހަކު ކުރި ކުށެއްގެ މަސްއޫލިއްޔަތު އެހެން މީހަކު އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުށް ކުރި މީހާގެ މައްޗަށް ދައުވާ ނުކޮށް އަދި ކުށް ކުރި މީހާގެ މައްޗަށް ކުށް ސާބިތު ވެސް ނުވަނީސް އެ ކުށުގައި އެހެން މީހަކު ބައިވެރިވި ކަމަށް ބުނެ ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15000 ދިދަ ގަނެފައިވަނީ ނަމީރާގެ މުވައްޒަފަކު އަމިއްލަޔަށް އެސްޓިމޭޓް ހުށަހަޅައި ކާމިޔާބުކޮށްގެން ކަމަށާއި ނަމީރާގެ އެ މުވައްޒަފުގެ މައްޗަށް ދައުވާނޮކޮށް ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

"ކުށްކުރިއްޔާ ކުށްކުރީ ނަމީރާގެ އެ މުވައްޒަފު. އެހެންވީމާ ނަމީރާގެ އެ މުވައްޒަފުގެ މައްޗަށް ދައުވާ ނުކޮށް ކިހިނެތްހޭ ނާޒިމްގެ މައްޗަށް ދައުވާ ކުރެވޭނީ،" ސަލީމް ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދިކަމުގެ ދައުވާ ކޮށްފައިވާއިރު އޭނާ ކުރި ކުށަކީ ކޮބައިކަން އެނގެން ޖެހޭކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

މަކަރާ ހީލަތުގެ ތައުރީފްގައި ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ޓެކުމަކަށް ނުހިމެނޭގޮތަށް އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ތިމާއަށް ފައިދާ ލިބޭގޮތަށް، އަނެކާއަށް ގެއްލުން ލިބޭގޮތަށް ކުރާކަމެއްގެ ވާހަކަ ކަމަށާއި އެ މާއްދާގައި ބުނާ "އަނެކާ" ގެ މާނައިގެ ތެރޭގައި ދައުލަތް ނުވަތަ ސަރުކާރު ނުހިމެނޭ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 28 ވަނަ މާއްދާގެ (ރ ) އަށް ބަލާއިރު ވެސް "އޭނާ" "މީހަކު" މިހެން ބުނާ ބުނުމުގެ މާނައިގެ ތެރޭގައި ވެސް ދައުލަތް ނުވަތަ ސަރުކާރު ނުހިމެނޭ ކަމަށެވެ.

މަކަރާއި ހީލަތަކީ ދޭދޭ ފަރުދުންގެ މެދުގައި ހިނގާ ގުޅުމެއް ކަމަށާއި ދައުލަތުންގެ މާނައިގެ ތެރޭގައި މަކަރާއި ހީލަތް ނުހިމެނޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ނާޒިމްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާ އަށް ދައުލަތުން ޖަވާބުދާރީ ވިޔަސް ނުވިޔަސް އެ އިޖުރާއީ ނުކުތާއަށް ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށެވެ.