01 Jul 2010, 10:09
14:30
ކުރީގެ ސަރުކާރުގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނަންގަވާފައިވާ ލޯނެއްގެ ސަބަބުން ރާއްޖެއަށް ލިބެން ހުރި ބޭރުގެ ލޯނުތައް ހުއްޓި، މުޅި ގައުމު ޑީފޯލްޓްވެފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސް އެންޑް ޓްރެޝަރީ އަހްމަދް އައްސަދް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މާލިއްޔަތުގެ ޤާނޫނަށް އިދިކޮޅު މެމްބަރުން އިސްލާހު ގެންނެވީ އަމިއްލަ މަސްލަހަތަށް ވިސްނަވާފައިކަން ސާބިތުކުރެއްވުމަށް ހެކިތައް ދައްކަވަމުން އައްސަދް ވިދާޅުވީ، ދާދި ފަހުން މަޖިލީހުގެ މެމްބަރެއްގެ ކުންފުންޏަކުން ލޯނެއް ނަގަން ބޭނުންވެގެން ސަރުކާރުގެ އިއުތިރާޒެއް ނެތް ކަމުގައި ސިޓީއެއް ހޯދުމަށް އައި ކަމަށެވެ. ނަމަވެސް، ހަމަ އެ ބޭފުޅާ ނަންގަވާފައިވާ ލޯނެއްގެ ސަބަބުން، މުޅި ގައުމަށް އިތުރު ލޯނުތައް ލިބުން ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެކަން އެ ބޭފުޅާއަށް ކޮށްދެއްވުމަށް ސަރުކާރުން އުޒުރުވެރިވި ކަމަށެވެ.
އެ މެމްބަރުގެ ނަން ހާމަނުކުރައްވާ އައްސަދު އިތުރަށް ވިދާޅުވީ، ރާއްޖެ އޮތީ އެންމެ ފަރާތެއްގެ ސަބަބުން ޑީފޯލްޓްވެފައި ކަމަށް ބުނެ، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ވެސް ސަރުކާރާ ދިމާއަށް އަންނަ ކަމަށެވެ.
އެހެންކަމުން އެ ބޭފުޅެއްގެ ސަބަބުން މުޅި ގައުމަށް އަންނަނީ ބޮޑެތި ގެއްލުން ލިބެމުން ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި، ކެބިނެޓުން އިސްތިއުފާ ދެއްވާފައިވާ ފޮރިން މިނިސްޓަރ ޑރ. އަހްމަދް ޝަހީދު ވެސް ވާހަކަ ދެއްކެވި އެވެ. އެގޮތުން ޑރ. ޝަހީދް ވިދާޅުވީ، ޅަފަތުގައި އޮންނަ ޑިމޮކްރެސީއަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަނުގައި މައްސަލަ ކަމަށާއި ޑިމޮކްރެސީ ކުރިއަރައިގެންދާނީ އެގައުމެއްގައި ހުރި މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމުގައި ހަރަކާތްތެރިވެ، ކޮރަޕްޝަން ކުޑަވެ، ނެތިގެން ދިއުމުން ކަމަށެވެ.
ރާއްޖެވެސް މިހާރު މި އޮތީ އެހާލަތުގައިކަން ފާހަގަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ، ގައުމެއްގައި ކޮރަޕްޝަން އާލާވެ، މުޖުތަމައު އޭގެ ޝިކާރައަކަށްވެއްޖެނަމަ، ކޮންމެ އާއްމު ރައްޔިތަކުވެސް އެކަމުގައި ޝިކާރައަކަށްވެގެންދާނެ ކަމަށެވެ. އެގޮތުން މިއަދު ގައުމުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި އަދި ނުތަނަވެސް އިގްތިސާދީ ވަޅުގަނޑަކަށް ގައުމު ވެއްޓިފައި މިވަނީވެސް، ކުރީގެ ސަރުކާރުގެ ހިންގުންތެރިންގެ މެދުގައި ކޮރަޕްޝަން ގިނަވެ، އަމިއްލަ މަސްލަހަތު ކުރިއަށް ނެރުއްވާ އަމަލުކުރެއްވި ގޮތުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމުގައި ވިދާޅުވި އެވެ.