02 Aug 2020, 08:07
މަނާލީގައި ދިރިއުޅޭ ގޭ ކައިރިން ބަޑިޖަހާ އަޑުއިވުނު ކަމަށް ބަތަލާ ކަންގަނާ ރަނައުތު ބުނެފި އެވެ.
ސުޝާންތުގެ މަރާގުޅިގެން އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަމުން އައި ކަންގަނާ ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 11:30 ގައި އޭނާގެ ގޭކައިރިން ބަޑި ޖަހާ އަޑު އިވުނު ކަމަށާއި ދެ ފަހަރެއްގެ މަތިން ބަޑިޖެހި އަޑުއިވުނު ކަމަށެވެ. އަދި ބަޑީގެ އަޑު އަށް ސިކުންތު ވަންދެން އިވި އިވި ހުރި ކަމަށް އޭނާ ބުންޏެވެ.
"އެގަޑީގައި އަހަރެން ފޮނުވިން ބޮޑީގާޑުވެސް ބޭރަށް. ފަހުން ފުލުހުންނަށްވެސް ގުޅިން،" ކަންގަނާ ބުންޏެވެ.
ކަންގަނާ ބުނީ އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ބައެއްގެ އޯޑަރަށް ބަޔަކު މީހުން އޭނާގެ ގޭ ކައިރީ ފާރައަށް ހުންނަ ކަމަށް ލަފާކުރެވޭ ކަމަށާއި ސުޝާންތުގެ މަރުގެ ވާހަކަ ދައްކަން ފެށިފަހުން މީހުން އޭނާއަށް ބިރުދައްކަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ސުވާލުކުރުން ހުއްޓާނުލާނެ ކަމަށާއި އެވާހަކަ ދައްކާނެ ކަމަށް އޭނާ ބުންޏެވެ.