02 Aug 2020, 07:57
މިފަހުން މަރުވި، ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ސްޓާޕްލަސް އިން ދައްކަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ދިވެހިންގެ މެދުގައި މަގުބޫލު ސްޓާޕްލަސްއިން އެ ފިލްމު ދައްކަނީ އަންނަ އާދިއްތަ ދުވަސް، މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30ގަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ނުކުތް ހޮލީވޫޑް ފިލްމް "ފޯލްޓް އިން އަވާ ސްޓާޒް"ގެ ހިންދީ ރީމޭކުގައި ސުޝާންތު އާއެކު ލީޑު ރޯލު ކުޅެނީ ސަންޖަނާ ސާންގީ އެވެ. މި ފިލްމަކީ އޭނާގެ ޑެބިއު ފިލްމު ވެސް މެއެވެ.
މުކޭޝް ޗާބްރާގެ އަލަތު ޑައިރެކްޝަން ދިލް ބޭޗާރާ ހޮޓްސްޓާގައި ރިލީޒްކުރީ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ. މި ފިލްމަށް ކްރިޓީކުން ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ މި ފިލްމަށް ފަސް ތަރިން ހަތަރު ތަރީގެ ރޭޓިން އެއް ދީފަ އެވެ. އަދި އޭނާ ބުނީ ދިލް ބޭޗާރާ އަކީ ސުޝާންތުގެ އެކްޓިން ވަރަށް ފުރިހަމައަށް ފެނިގެން ދިޔަ ފިލްމެއް ކަމަށާއި މި ފިލްމުގެ ހުރިހާ ވެސް މީހަކީ ސުޝާންތު ކަމަށެވެ.
މި ފިލްމަކީ ސުޝާންތު މަރުވިއިރު ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމެެވެ. އަދި މި ފިލްމު އަންނަނީ ގިނަ ރެކޯޑުތައް ވެސް މުގުރަމުންނެވެ.