08 Jan 2012, 15:53
ޑީއާރްޕީން އަބަދުވެސް މަސައްކަތް ކުރަނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް މަޖިލީހުގައި ވޯޓް ނޭގޭތޯ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަޤާމުން ދުރު ކުރަން ޑީއާރްޕީން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ ވޯޓު ނަގަން އިދިކޮޅު އެހެން ފަރާތްތަކާއެކު ވެސް ޑީއާރްޕީ މަޝްވަރާކުރާ ކަމަށާއި ނަމަވެސް މަޖިލީހުގެ އަމިއްލަ މެންބަރުން ޑީއާރްޕީއަށް ތާއީދު ނުދެއްވި ކަމަށެވެ.
ޝަރީފު ވިދާޅުވީ އެ މަސައްކަތުގައި ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެ މަޝްވަރާތައް ޑީއާރްޕީގެ ކައުންސިލްގައި އަބަދުވެސް އޮންނަ ކަމަށެވެ. އެ ވޯޓް ނެގޭވަރުގެ ތަރުހީބު ލިބިއްޖެ ނަމަ ވެރިކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވޯޓު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
''އަޅުގަނޑުމެންގެ ކައުންސިލްގައި [ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓް ނެގުމުގެ] މައްސަލައަކީ ވަރަށް ގިނަ ފަހަރު ތަކުރާރުކޮށް މަޝްވަރާ ކުރެވިފައިވާ މައްސަލައެއް. އަޅުގަނޑުމެނަށް މިކަން ނުކުރެވިފައި މިވަނީ އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބޭތީ،'' ޝަރީފް ވިދާޅުވި އެވެ. "ހިތާމައާއެކު ދަންނަވާލަން ޖެހެނީ އަމިއްލަ މެންބަރުން ވެސް އެއްފަހަރު އެއްބަސްވެވަޑައިގެންފާނެ އަނެއް ފަހަރު ހިޔާލު ތަފާތުވެ ވަޑައިގެންފާނެ. އަޅުގަނޑުމެނަށް ޤަބޫލުކުރެވެނީ ރައީސް ނަޝީދުގެ އަމަލުފުޅުތައް ޤައުމުގެ ވެރިއަކު އަޒުލް ކުރާ ވަރަށް ގޮސްފި ކަމަށް،''