31 Jul 2020, 22:48
ކޮވިޑް19ގެ ގައިޑްލައިންތަކާ އެގޮތަށް އަމަލު ކުރޭތޯ ބެލުމަށްް މިއަދު ކުރި އިންސްޕެކްޝަންގެ ތެރެއިން، ގަވައިދާ ހިލާފުވި ތިން ތަނެއް ބަންދުކޮށްފި އެވެ.
ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން، އިއްޔެވެސް 99 ތަން އެޗްޕީއޭ އިން ވަނީ އިންސްޕެކްޓްކޮށްފައެވެ.
އެޗްޕީއޭ އިން މިރޭ ބުނީ، ގައިޑްލައިންތަކާ އެއްގޮތަަށް އަމަލު ކުރެތޯ ބެލުމަށް މިއަދު 35 ތަނެއް އިންސްޕެކްޓް ކުރި ކަމަށެވެ.
މިއަދު ބަންދު ކުރި ތިން ތަނުގެ ތެރޭގައި ހިމެނެނީ، ދެ ފިހަރައާއި އެއް ސެލޫން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއަދު ތިން ތަނެއް ބަންދު ކުރިއިރު، އިއްޔެ 50 ތަނެއް އެޗްޕީއޭ އިން ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ހަތަރު ސެލޫނާއި، 24 ފިހާރައަކާއި 22 ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނެވެ.
މީގެ ކުރިން ހިންގި އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ. މިހާރު ކުރިއަށްދާ ދެވަނަ އިންސްޕެކްޝަންގައި ބަލަނީ ކަންކަން ރަނގަޅުކޮށްފައިވޭތޯ އެވެ. ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.