08 Jan 2012, 15:09
ރ. މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހަމަނުޖައްސައި މިއަދު އެ ސްކޫލުގެ ކިޔެވުން ފެށުމުގެ ސަބަބުން 200 އެއްހާ ބެލެނިވެރިން ރަށު ކައުންސިލް އިދާރާގެ ކުރިމަތިގައި މުޒާހަރާކުރަމުން އެބަދެ އެވެ.
ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝިހާމް ވިދާޅުވީ މަޑުއްވަރީ ސްކުލުގެ ބެލެނިވެރިން މުޒާހަރާކުރަން ފެށީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ސްކޫލް ހިންގާނެ ޕްރިންސިޕަލަކު ނެތުމުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެހުނީ އަހަރުގެ ކިޔެވުން ނިމެން ކައިރި ވެފައި ވަނިކޮށް ކަމަށެވެ.
ތިން ސަތޭކައެއްހާ ދަރިވަރުން ތައުލިމް ހާސިލްކުރަމުންދާ މަޑުއްވަރީ ސްކޫލަކީ ގްރޭޑް އެކަކުން 10 އަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
ބެލެނިވެރިން މުޒާހާރާއެއ ފަށާފައިވާއިރު މަޑުއްވަރީ ކައުންސިލުންވަނީ 2006 ވަނައަހަރުގެ އެ ރަށުގެ ބޯހިމެނުމުގެ ނަތީޖާގައި ރަށުގެ އާބާދީގެ އަދަދު އޮޅުވާލާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އެ ތަފާސް ހިސާބަށް އަމަލުނުކުރުމަށް ގޮވާލާ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
މަޑުއްވަރީ ކައުންސިލުން ނެރުނު ގަރާރުގައި ބުނެފައިވަނި ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެރަށުގެ އާބާދީގައި 1558 މީހުން ތިބިކަމަށް އޮތްނަމަވެސް އެ އަދަދަކީ ރަނގަޅު އަދަދު ނޫންކަމަށާއި ރަށުގެ އަބާދީގެ ރަނގަޅު އަދަދަކީ 2016 މީހުންކަމަށެވެ.
ކައުންސިލްގެ ނައިބު ރައީސް ޝިހާމް މިއަދު ވިދާޅުވީ ރަށުގެ އާބާދީ މަދުކަމަށް ސަރުކާރުގެ ރަސްމީ ލިޔުންތަކުން ދައްކާތީވެ އެރަށަށް ލިބެން ޖެހޭ ތަރައްގީގެ އެތަށް ކަމަކުން އެރަށް މަހުރޫމް ވެފައިވާކަމަށެވެ.