08 Jan 2012, 14:56
ރާއްޖޭގެ އެންމެ ބޮޑު ކުނިގޮޑު، ތިލަފުށި އޮތް ހާލަތަކީ އެއްވެސް މީހަކު ގަބޫލު ކުރާނެ ހާލަތެއް ނޫން ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރާއްޖެވަޑައިގެން އުޅުއްވާ ޖަރުމަނުގެ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް ނޭޗާ ކޮންޒަވޭޝަން އެންޑް ނިއުކްލިއަ ސޭފްޓީގެ ޕާލަމެންޓްރީ ސްޓޭޓް ސެކްރެޓަރީ ކެތްރީނާ ރެއިޗަށް ރާއްޖޭގެ ތިމާވެށީގެ ހާލަތާބެހޭ ގޮތުން މައުލޫމަތު ދެއްވަމުންނެވެ.
http://sun.mv/albums/live_3057.jpg
ހައުސިން މިނިސްޓްރީގައި ކެތްރީނާއާ ބައްދަލުކުރައްވާ އަސްލަމް މިއަދު ވިދާޅުވީ ތިލަފުއްޓަކީ "ރާއްޖޭގެ އެންމެ ބޮޑު ކުނި ގޮނޑު" ކަމަށާއި އެކަމަނާއަށް މާދަމާ އެ ބޮޑު ކުނިގޮނޑު ދައްކަވާލައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށް މިހާރު އޮތީ އެއްވެސް މީހަކު ބަލައިގަންނާނެ ހާލަތެއްގައި ނޫން ކަމަށެވެ.
ކުނި އަޅައިގެން ހިއްކާފައިވާ ސިނާއީ ރަށް ތިލަފުށްޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުށީގައި ނައްތާލައި އެ ކުނިން ހަކަތަ އުފެއްދުމުގެ އެއްބަސްވުމެއްގައި އިންޑިޔާގެ ކުންފުންޏަކާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު އިޝާރާތް ކުރެއްވި އެއްބަސްވުމަކީ މިދިއަ އަހަރު އިންޑިޔާގެ ކުންފުންޏެއްކަމަށްވާ ޔޫއީއީއެލް ( ޔޫޕީއެލް އެންވަޔަރުމެންޓަލް އިންޖިނިއާސް) އާއި ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ އާރްއީއީއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުނި ނައްތާލުމުގެ މަޝްރޫއުގެ އެއްބަސްވުމެވެ. އެ މަޝްރޫއު ފަށައިފައެއް ނުވެއެވެ.
http://sun.mv/albums/live_3059.jpg
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ބައިމަދު ރަށްރަށުގައި ކުނި ނައްތާލުމަށް އެންމެ މުހިއްމީ އެކަމަށް ބޭނުންވާ ފަންނީ މައުލޫމާތު އެ ރަށްރަށުގެ މީހުންނަށް ދިނުން ކަމަށެވެ.
"ކުރިން މިވާ ގޮތަކީ ބައެއް ރަށްރަށަށް ފޮނުވެނީ ބޭނުންވާ މެޝިނަރީ، ދެން އެތަކެތި ބޭނުން ނުކުރެވި ހުރެ، ދަބަރުޖަހައި ހަލާކުވަނީ، ރަށްތަކުގައި އުފެދޭ ކުނި ފައިދާހުރި ގޮތެއްގައި ނައްތާލުމަށް ފަންނީ އެހީ ވަރަށް މުހިއްމު، ޖަރުމަނުން އެފަދަ އެހީ ލިބޭނެ ކަމަށް އުއްމީދުކުރަން،" ހާލަތު އޮތް ގޮތް ކެތްރީނާއަށް އޮޅުން ފިލުވައި ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
ކެތްރީނާ ވިދާޅުވީ ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ޖަރުމަނުން ވެދެވޭނެ އެހީތެރިކަަމަކީ ކޮބައިތޯ ޖަރުމަނުގެ ކަމާ ބެހޭ ފަރާތްތަކާއި ކުންފުނިތަކާ މަޝްވަރާކޮށް ބައްލަވާނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލް އަގުވާމީ ގޮތުން ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކަށް ޖަރުމަނުން އެއްބާރުލުން ދޭނެ ކަމަށެވެ.