ވ. ފުލިދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުލިދޫ ކައުންސިލު ރައީސްގެ ސަނާ އަލީ ވާފިރު "ސަން" އަށް ވިދާޅުވީ، އުމުރުން 20 އަހަރުގެ އެ އަންހެން މީހާއަކީ މާލެއިން އެރަށަށް ގޮސް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އަދި އެ މީހާއާ އިތުރު އެއްވެސް މީހާކާ ބައްދަލު ނުވާކަމަށް ސަނާ ވިދާޅުވިއެވެ.

"14 ދުވަސް ހަމަވެގެން މިދިޔަ އަންގާރަ ދުވަހު ނެގި ސާމްޕަލް އިން އެނގުނީ ޕޮޒިޓިވްވި ކަން،" ސަނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އަންހެން މީހާއާއެކު އެރަށަށް އިތުރު ނުވަ މީހަކު ރަށަށް ގޮސް ކަރަންޓީންވި ކަމަށެވެ. އޭގެ ތެރެއިން ތިން މީހުން ތިބީ އަންހެން މީހާ ހުރި ގެސްޓުހައުސްގައި ކަމަށް ސަނާ ވިދާޅުވިއެވެ.

"ނުވަ މީހުންވެސް ވަނީ ކޮވިޑަށް ނެގެޓިވްވެފައި" ސަނާ ވިދާޅުވިއެވެ.

ފުލިދޫގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިްވްވި އިރު، މިއަދު ހިންވަރުންވެސް ވަނީ ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 3،719 ކެވެ. އިއްޔެ ފެނުނު ކޭސްތަކުގެ އަދަދަކީ، 152 އެވެ. އޭގެ ތެރެއިން 10 ކޭސް ފެނުނީ އަތޮޅު ތެރެއިންނެވެ.