ޝީޝާގެ ތިން ބެއިންގެ 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި ތިންބެއިން އިންޑިޔާ ބޭންކް، އެސްބީއައިގެ މައްޗަށް ކުރި ދައުވާއަށް ޖަވާބުދާރީވާން ބެލި އިރު ސާފުނުވާ ކަންތަތަކެއް ހުރުމުން ދައުވާ އަށް ޖަވާބުދާރީ ވުމަށް ދަތިކަމަށް އެ ބޭންކުން ޝަރީއަތުގައި ބުނެފި އެވެ.

ޝީޝާގެ ތިންބެއިންގެ ނަމުގައި އެސްބީއައި ގައި ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގެ ޝަރީއަތުގެ މަޖިލިސް މިއަދު ބޭއްވި އިރު ވެސް އޮތީ އެސްބީއައިގެ ފަރާތުން ދައުވާއަށް ޖަވާބު ދާރީ ވުމެވެ.

އެސްބީއައިން ކޯޓްގައި އެހެން ބުނުމުން ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ މިހާރު ވެސް އެސްބީއައިއަށް ދައުވާއަށް ޖަވާބުދާރީ ވެވޭނެކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ޖަވާބުދާރީވުމަށް ގާޒީ ވަނީ މިއަދު އެސްބީއައިއަށް ފުރުސަތު ދެއްވާފަ އެވެ.

އެ ފުރުސަތު ދެއްވި ނަމަވެސް ގާޒީ ވިދާޅުވީ އެ ދުވަހު އެސްބީއައި އިން ދައުވާއަށް ޖަވާބުދާރީ ނުވެއްޖެނަމަ ޖަވާބުދާރީ ނުވިކަމަށް ބަލައި މައްސަލަ ނިންމަވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެސްބީއައިގެ ވަކީލު ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވާން ބެލިއިރު މި މައްސަލައިގައި ނޭނގޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެކަންކަން ސާފު ނުވަނީސް ދައުވާއަށް ޖަވާބުދާރީ ވާން ދަތި ކަމަށެވެ. ނޭނގުމެއްގެ ތެރޭގައި މި މައްސަލައިގައި ހިމެނޭ އެތައް ކަމެއް ހުއްޓާ އެސްބީއައިގެ މައްޗަށް ދައުވާކުރެވިދާނެކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މި މައްސަލައިގައި ނޭނގޭ ކަންތައްތަކެއް އެބަހުރި. އެކަންކަން ސާފުނުވަނީސް ދައުވާއަށް ޖަވާބުދާރީވުމަށް މިވަގުތައް ދަތި،" އެސްބީއައިގެ ވަކީލު ވިދާޅުވި އެވެ.

ޝީޝާގެ ތިންބެއިންގެ ފައިސާ ޓްރާންފާ ކޮށްފައިވަނީ ބީއެމްއެލްގެ އެކައުންޓަކަށް ވާއިރު އެ ފައިސާ އެސްބީއައި އިން ދޫކުރި ޓްރާންސްސެޝަނަކީ މަކަރާއި ހީލަތް ހަދާފައިވާ ޓްރާންސެޝަނަކަށް ވާނަމަ އެކަމުގައި ބީއެމްއެލް އިންވެސް ޒިންމާ ވާންޖެހޭނެކަމަށް ވެސް އެސްބީއައިގެ ވަކީލު ކޯޓުގައި މިއަދު ވިދާޅުވިއެވެ. އެ ޓްރާންސްސެޝަނަކީ ވެލިޑް ޓްރާންސްސެޝަނެއްތޯ ބަލައި ތަހުގީގުކުރަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.

ޝީޝާގެ ވަކީލު ވިދާޅުވީ އެސްބީއައިން ޝަރީއަތުގައި ދެއްކި ވާހަކަތަކީ އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫންކަމަށާއި އެސްބީއައިގެ ފަރުވާކުޑަކަމުން އެ ފައިސާ ދޫކުރުމުން އެ މައްސަލަ ކޯޓަށް ހުށަނޭޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފައިސާ ދޫކުރީ ވެލިޑް ޓްރާންސްސެޝަނަކުންތޯ ބަލަންޖެހޭނީ ކުރާ ތަހުގީގަކުން ނޫންކަމަށާއި އެ ފައިސާ ދޫކޮށްފައިވަނީ ނޯމަލް ވެލިޑް ޕްރޮސެސްއަކުން ކަން އެސްބީއައި އިން ޝަރީއަތަށް ސާބިތުކޮށްދޭން ޖެހޭނެކަމަށްވެސް ޝީޝާގެ ވަކީލު ވިދާޅުވި އެވެ.