30 Jul 2020, 23:46
ކޮވިޑް 19ގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ނުވަތަ ޕޮޒިޓިވްވީ ކިހިނެއް ކަމެއް ނޭނގޭ 193 ކޭސްއެއް ހަފްތާއެއްގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ އެޗްއީއޯސީގައި ބޭވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކާކުގެ ފަރާތުން ކަމެއް ޕޮޒިޓިވްވީ ނޭނގި ހުންނަ މީހުންގެ ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަހަލަ ކޭސްތައް ގިނަ ވުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ތަފާސް ހިސާބަށް ބަލާއިރު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް 462 މީހަކު ކޮވިޑަށް ޕޮޒިޓިވްވީއިރު އޭގެ ތެރެއިން 193 މީހުން ޕޮޒިޓިވްވީ ކާކުގެ ފަރާތުން ކަމެއް ނޭނގެ އެވެ.
މިހާތަނަށް ޕޮޒިޓިވްވީ ގޮތް ނޭނގި ޕޮޒިޓިވެފައިވާ މީހުންގެ އަދަދު އެންމެ ގިނަވީ މިފަހަރު އެވެ. މީގެ ކުރިން އެންމެ ގިނަވި ފަހަރު ހުރީ 40 ޕަސެންޓަގަ އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ 42 ޕަސެންޓަަށް އަރާފަ އެވެ.
"މިއީ މިސާލަށް އަޅުގަނޑުމެންގެ ތެރެއިން 100 މީހުން ޕޮޒިޓިވްވީ ނަމަ އޭގެތެރެއިން 40 މީހުން ޕޮޒިޓިވްވީ ގޮތް ނޭނގެއޭ. އެހެންވީމަ އެއީ ވަރަށް ބޮޑަށް ހާސްވާންވީ ކަމެއް. ލިންކުނުވެ މިހެން މީހުން ޕޮޒިޓިވްވުމަކީ މުޖުތަމައު ތެރޭގައި އުޅޭނެއޭ އަދި ނޭނގި ޕޮޒިޓިވްވާ މީހުން،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.
އެމީހެއްގެ ފަރާތުން އެހެން މީހަކަށް އިންފެކްޝަން ދިޔަ ނުދިނުމަށް އުޅެންވީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެހެންވެ ގައިދުރުމިން ބެހެއްޓުމާއި މާސްކް އެޅުން އަދި ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ސާފު ކުރުމުގެ އިތުރުން މީހުން އެއްވެއް އުޅޭތަންތަނަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިޔުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.
މިހާރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަދު އެކަނި 152 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3،719 އަށް އަރައިފައެވެ.