ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުން އެންމެ ގިނަކަން ފާހަގަ ކުރެވެނީ މަސައްކަތު މާހައުލުން އޮފީސްތަކުގެ ތެރެއިން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުން އޮފީސްތަކުގެ ތެރެއިން އަދި އެހެންވެސް މަސައްކަތު މާހައުލުގައި ގިނަ ކަމަށެވެ.

އެގޮތުން ޖުލައި މަހުގެ އެއްވަނަ ދުވަހުން 28 ވަނަ ދުވަހާ ހަމައަށް ޕޮޒިޓިވްވީ މީހުންނާ އޮފީސްތަކުން ކޮންޓެކްޓް ވީ މީހުންގެ އަދަދު 655 ކަށް އަރަ އެވެ. އަދި އެހެން މަސައްކަތުގެ މާހަކުތަކުން ކޮންޓެކްޓްވީ މީހުންގެ އަދަދު 564 ކަށް އަރަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް ފަހަރު އޮފީސްތަކުގެ ތެރޭގައި އިށީދެގެން ވަކިން ވަކިން ތިބި ނަމަވެސް އާންމުކޮށް ސައިގަޑީގައި އެއްވެ އުޅޭ ކަމަށެވެ. އަދި ކާ ގަޑިއަކީ މާސްކްވެސް ނޭޅޭ ވަގުތަކަށް ވާތީ ކޮންޓެކްޓްވާ މީހުން ގިނަވަނީ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"އެހެންވީމަ އެކަހަލަ ވަގުތު ވަގުތު ހަމަ ވިސްނާ ނުލާ ތަންކޮޅެއް ބޮޑަށް ގައިދުރުމިން ނުބެހެއްޓިގެން ދޭ. އެހެންވީމަ ވާގޮތަކީ އެކަހަލަ އިރު އިރު ކޮންޓެކްޓް ވުމުގެ ފުރުސަތު ބޮޑު. ދެން އޮފީސް އަދި އެހެނިހެން ވޯކް ޕްލޭސަސްގައި މާސްކް ނޭޅި ގައިދުރުމިން ނުބެހެއްޓި އުޅޭކަން ފާހަގަކުރެވޭ،" ޑރ ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހެލްތްކެއާ ފެސިލިޓީތަކުން ކޮންޓެކްޓްވީ މީހުންގެ އަދަދު 303 ކަށް އަރާއިރު ކެފޭ ރެސްޓޯރެންޓް ތަކުން ކޮންޓެކްޓްވީ މީހުން 154 ކަށް އަރަ އެވެ.

ފިހާރަތަކުން ކޮންޓެކްޓްވީ މީހުންގެ އަދަދު 89 އަކަށް އަރާއިރު އެހެން ގޮތް ގޮތަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 85 ކަށް އަރަ އެވެ. ސުކޫލުތަކާއި ކިޔަވައިދޭ ތަންތަނުން 28 މީހަކު ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވެފައިވާއިރު މިސްކިތުން ކޮންޓެކްޓްވެފައިވަނީ އެންމެ މީހެކެވެ. އެއީ މަހެއް ދުވަހު އެޗްއީއޯސީއިން އެއްކޮށްފައިވާ ތަފާސް ހިސާބެވެ.

އާންމުކޮށް މީހުން ބޭރުގައި އުޅުމާއި ބޭނުން ނެތް އެއްވުންތަކާއި ޕާޓީތައް ބޭއްވުމުގެ ސަބަބުން ކޮންޓެކްޓްވާ މީހުންގެ އަދަދު ގިނަ ވަމުންދާ ކަމަށް އެޗްއީއޯސީއިން ވަނީ ފާހަގަކޮށްފަ އެވެ. އެކަމުގެ ސަބަބުން ކޮވިޑް ހަލުވި ކަމާއެކު ފެތުރި ޕޮޒިޓިވްވާ މީހުން އަދަދު ގިނަވަމުންދާ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަދު އެކަނި 152 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3،719 އަށް އަރައިފައެވެ.