ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް ވަޒީފާ ނުލިބޭ ދިވެހިންގެ އަދަދު އިތުރުވަމުންދާ ސަބަބު ހޯދަން ދިރާސާ ކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ސިވިލްސާވިސްގެ އެންމެ ގިނަ މުވައްޒަފުން ހިމެނޭ އެއް ދާއިރާ ކަމަށްވާ ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ހޯދައި ވަޒީފާގެ ފުރުޞަތު ނުލިބި ތިބި އެތައް ދިވެހިންނެއްގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅަމުދާއިރު އެ ދައިރާގައި ބިދޭސީން ވަރަށް ގިނަ ވެފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނީ އެކަމުގެ ސަބަބުތައް ހޯދަން ތަޢުލީމީ ދާއިރާއިން ކިޔަވައި ވަޒީފާ ނުލިބިފައި ތިބި ފަރާތްތަކުން މިމަހުގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށާއި އެފަދަ ދިރާސާއެއް ހަދަނީ ތައުލީމީ ދާއިރާއިން ވަޒީފާ ނުލިބި ތިބި ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެމީހުންނަށް ވަޒީފާ ނުލިބޭނީ ކީއްވެގެން ދެނެގަތުމަށް ކަމަށެވެ.

ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވެވި ފަހުމީ ވިދާޅުވީ ތައުލީމީ ދާއިރާގެ ގިނަ ވަޒީފާތަކެއްގައި ބިދޭސީން ތިބިއިރު އެ ވަޒީފާތަކަށް އެކަށީގެންވާ ދިވެހިން ތިބިނަމަވެސް އިންޓަވިއުއަށް ފަހު ދިވެހިން ނަށް ވަޒީފާ ނުދޭކަމުގެ ޝަކުވާ ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަހުރި ޝަކުވާ ހުށައަޅާފައި ބައެއް ފަރާތްތަކުން ބިދޭސީ މީހާއާ ދިވެހި މީހާ އިންޓަވިއުކޮށް ބިދޭސީމީހާއަށް ވަޒީފާއަށް ނެގިކަމަށް،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީން ވަޒީފާތަކަށް ނެގޭނީ ސިވިލް ސާވިސްގެ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ ޤާބިލް ދިވެހިން ނުލިބޭ މަގާމްތަކަށާއި މަސައްކަތްތަކަށް އެކަނި ކަމަށާއި އެއާހިލާފަށް ބިދޭސީންނަށް ވަޒިފާ ދޭކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

ސީއެސްސީގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައިބުނަނީ ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، އެ މުވައްޒަފުންނަށް މުސާރައާއި ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ކަނޑައެޅުމާއި، އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ.