މާސްކް ނާޅާ ނަމަ ހޮނިހިރު ދުވަހުން ފެށިގެން 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިއަދުން ފެށިގެން ބޭރުގައި އުޅޭއިރު މާސްކްއެޅުން މަޖުބޫރުކޮށް އެކަން ރައީސް އޮފީހުން މިއަދު ވަނީ އަންގާފަ އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީގު ވިދާޅުވީ މާދަމާއިން ފެށިގެން މާސްކް ނާޅާ މީހުން އުޅޭތޯ ފުލުހުން ބަލަމުން ދާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅާ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ކަމަށެވެ. އެއީ މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ.

މީގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މާސްކް ނާޅާ އާންމު ތަންތާގައި ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެ އިލްތިމާސަށް ބޯ ލަނބާފައެއް ނުވެ އެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަދު އެކަނި 152 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3،719 އަށް އަރައިފައެވެ.